ފުވައްމުލައް ސިޓީގައި އާންމުންގެ ބޮޑު މަގުބޫލުކަމަކާއި ލޯތްބެއް ހޯދާފައިވާ ހަސަން އަތީޤް (ބާބާ)، ސިއްހީ ހާލަތު ގޯސްވެ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހުމުން އާންމުންގެ ދީލަތި އެހީތެރިކަމަށް އެދިއްޖެއެވެ.
އާންމުންގެ މެދުގައި މަޝްހޫރު "ބާބާ ގާޑިޔާ" ހިންގަމުން އަންނަ އަތީޤަށް ހާޓްއެޓޭކެއް ޖެހުނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އޭނާގެ އުފަން ރަށް، ފުވައްމުލަކުގައި ހުއްޓައެވެ. އެ ހާދިސާއާ ގުޅިގެން ފުވައްމުލަކު ހޮސްޕިޓަލުގައި އަވަސް ފަރުވާ ދިނުމަށްފަހު، ހާލަތު ސީރިއަސް ވުމުގެ ސަބަބުން ޖެހިގެން އައި ދުވަހު ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައެވެ.
މި ހާދިސާއަށްފަހު ފުރަތަމަ ފަހަރަށް އަތީޤްގެ ހާލަތު އާންމުންނާ ހިއްސާކޮށްފައިވަނީ އިއްޔެ "ބާބާ ގާޑިޔާ" ގެ ރަސްމީ ސޯޝަލް މީޑިއާ ޕޭޖުގައި އޭނާގެ އަމިއްލަ ނަމުގައި ކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އޭނާގެ ސިއްހީ ހާލަތު ބަޔާންކޮށް، ހިތުގެ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ޑޮކްޓަރުން ލަފާދީފައިވާތީ، އެ ދަތުރަށް ބޭނުންވާ ފައިސާ ހޯދުމަށް ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންގެ އެހީތެރިކަމަށް ވަނީ އެދިފައެވެ.
ހަސަން އަތީޤަކީ އޭނާގެ މަޖާ މިޒާޖާއި، މީހުންނާ ބަހައްޓާ ގާތް ގުޅުމުގެ ސަބަބުން ފުވައްމުލަކުގެ އިތުރުން މުޅި ރާއްޖޭގެ އެތައް ބައެއްގެ ލޯބި ހޯދާފައިވާ ހިތްހެޔޮ ޒުވާނެކެވެ. އޭނާގެ މި ބަލިހާލަތާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ހެޔޮ ދުޢާކޮށް، އެހީތެރިކަން ފޯރުކޮށްދިނުމަށް ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ.
ހަސަން އަތީޤަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ތިރީގައިވާ އެކައުންޓުތައް މެދުވެރިކޮށް ފައިސާ ފޮނުވުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ:
ބޭންކް އޮފް މޯލްޑިވްސް (BML): 7703234441101
މޯލްޑިވްސް އިސްލާމިކް ބޭންކް (MIB): 90603100669081001
އެކައުންޓް ނަން: ޙަސަން ޢަތީޤް
އަތީޤުގެ އާއިލާއިންނާއި އޭނާގެ ހެޔޮއެދޭ ފަރާތްތަކުން އެދެނީ މި ދަނޑިވަޅުގައި އޭނާއަށް ވީވަރަކުން ދީލަތި އެހީތެރިކަމެއް ފޯރުކޮށްދީ، އަވަސް ޝިފާއަކަށް އެދި ދުޢާކޮށްދިނުމެވެ.



