ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ ތެރެއިން، އެ ޕާޓީގެ މެންބަރުންގެ މަޖިލީހަށް ހޮވާ އާންމު 18 މެންބަރުން އިންތިހާބުކޮށްފިއެވެ.
އިއްޔެ ރަސްމީކޮށް ފެށުނު ޕީއެންސީގެ މަތީ މަޖިލީހުގެ ތެރެއިން މިއަދު ކުރިއަށްދިޔައީ ޕާޓީގެ ނައިބުރައީސުންނާއި ޕާޓީގެ މެންބަރުންގެ މަޖިލީހަށް ބޭފުޅުން އިންތިހާބުކުރުމެވެ. އެގޮތުން ޕާޓީގެ 6 ނައިބުރައީސުންނާއި، މެންބަރުންގެ މަޖިލީހުގައި އަންހެނުންނާއި ޒުވާނުންނަށް ހާއްސަކުރި ގޮނޑިތަކުގެ އިތުރުން، އާންމުކޮށް ހުޅުވާލައިގެން ހޮވި 18 މެންބަރުން އިންތިހާބުކުރުމަށް ވޯޓު ނަގާފައިވެއެވެ.
މެންބަރުންގެ މަޖިލީހުގެ މި 18 ގޮނޑިއަށް 70 އަށްވުރެ ގިނަ ބޭފުޅުން ކުރިމަތިލައްވާފައިވާއިރު، ވާދަވެރި ވޯޓުލުމަކަށްފަހު އިންތިހާބު ކާމިޔާބުކުރެއްވި ބޭފުޅުންނަށް ލިބިވަޑައިގެންފައިވާ ވޯޓުގެ އަދަދުތައް ޕާޓީން ވަނީ އާންމުކޮށްފައެވެ. އޭގެ ތެރޭގައި އެންމެ ގިނަ ވޯޓު ހޯއްދެވި ބޭފުޅުންނަށް އަހްމަދު ހަމްދުﷲ ރަޝީދު (747 ވޯޓު)، ހުސައިން ޔާމީން މުހައްމަދު (746 ވޯޓު) އަދި މުހައްމަދު އަބްދުﷲ (722 ވޯޓު) ހިމެނެއެވެ. އަދި މި އިންތިޚާބުގައި 1،200 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގެންފައިވެއެވެ.
މި އިންތިހާބުތަކުން ހޮވިވަޑައިގަތް ބޭފުޅުން ރަސްމީކޮށް މަގާމުތަކާ ހަވާލުވެވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިރޭ އޮންނަ ހާއްސަ ރަސްމިއްޔާތެއްގައި މަގާމުގެ އިގުތިރާރުކުރެއްވުމަށްފަހުއެވެ.
މި ކޮންގްރެސްގެ ހަރަކާތްތަކުގެ ތެރެއިން މަގާމުތަކަށް ބޭފުޅުން އިންތިހާބުކުރުމުގެ އިތުރުން، ސަރުކާރުގެ އެކި އިދާރާތަކާއި މުއައްސަސާތަކުން މަންދޫބުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކާއި، ދައުލަތުގެ ކުންފުނިތަކާއި ވުޒާރާތަކާ ބައްދަލުކޮށް ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުވުމުގެ ފުރުސަތުވެސް މެންބަރުންނަށް ވަނީ ފަހިކޮށްދީފައެވެ.









