އިސްރާއީލުން ހިފާފައިވާ ވެސްޓް ބޭންކުގެ ނާބުލުސް ކައިރީގައިވާ ޖާލޫދު އަވަށުގައި، މޫނު ނިވާކޮށްގެން ތިބި އިސްރާއީލުގެ ވަޒަންވެރިންގެ ބަޔަކު ފަލަސްތީނުގެ އަންހެނަކަށާއި އެމެރިކާގެ އެންބީސީ ނިއުސްގެ ރިޕޯޓަރުންގެ ޓީމަކަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
މި ހާދިސާ ހިނގާފައިވަނީ ވަޒަންވެރިންގެ ނުރައްކަލާ ހުރެ ގެދޮރު ދޫކޮށް ދާންޖެހުނު 51 އަހަރުގެ އާއިދާ އަހުމަދު އަބްދުالله އާ އެންބީސީގެ ޓީމުން އިންޓަވިއުކޮށް، އެގޭ ކައިރިއަށް ދިޔަ ވަގުތު އެވެ. އިސްރާއީލު ނަންބަރު ބޯޑު ހަރުކޮށްފައިވާ ކާރެއްގައި އައި މޫނު ނިވާކޮށްގެން ތިބި ހަތަރު މީހަކު، ކާރުން ފައިބައި ލަކުޑިބުރިއާއި ހިލައިން އެމީހުންނަށް ހަމަލާދިނުމަށްފަހު ވަނީ ފިލާފަ އެވެ.
މި ހަމަލާގައި އެންބީސީގެ ކޮރެސްޕޮންޑެންޓް މެޓް ބްރެޑްލީގެ އަތަށް ދެފަހަރެއްގެ މަތިން ހަމަލާދީފައިވާއިރު، އޭނާއާއި ޓީމުގެ އިތުރު ތިން މެންބަރަކަށް ވަނީ ކްލިނިކަކުން ފަރުވާދީފަ އެވެ. އަދި އަނިޔާވި ފަލަސްތީނު އަންހެން މީހާއަށް ރެޑް ކްރެސެންޓުން ފަރުވާދީފައިވާއިރު، އޭނާގެ ފުރާނައަށް ނުރައްކާވާވަރުގެ އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
މި ސަރަހައްދުގައި އިސްރާއީލު ވަޒަންވެރިންގެ ހަމަލާތައް އިތުރުވަމުންދާއިރު، ޔުނައިޓެޑް ނޭޝަންސް އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާޒް (އޯޗާ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް އިސްރާއީލު ސިފައިންނާއި ވަޒަންވެރިންގެ ހަމަލާތަކުގައި ވެސްޓް ބޭންކުން 76 ފަލަސްތީނުން ވަނީ ޝަހީދުވެފަ އެވެ.









