ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކުގެ ސަބަބުން ގުނަވަން ބުރިކުރަންޖެހިފައިވާ މީހުންގެ ޖުމްލަ އާބާދީގެ 25 އިންސައްތަ އަކީ ކުޑަކުދިން ކަމަށް ބައިނަލްއަގުވާމީ ސިއްހީ ޖަމިއްޔާތަކާއި ފަލަސްތީނުގެ ސިއްހަތާއި ބެހޭ ވުޒާރާގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ހަނގުރާމައިގައި ކޮންމެ ދުވަހަކުވެސް އެތައް ކުއްޖެއްގެ އަތް ނުވަތަ ފައި ބުރިކުރަން ޖެހެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ސިއްހީ މާހިރުން ފާހަގަކުރާ ގޮތުގައި، ޣައްޒާގައި މިހާތަނަށް 6,000 އަށްވުރެ ގިނަ މީހުންގެ ގުނަވަން ބުރިކޮށްފައިވާއިރު، މީގެ ތެރެއިން ބޮޑު ބައެއް ހިއްސާކުރަނީ އުމުރުން ހަގު ކުދިންނެވެ. ހޮސްޕިޓަލްތަކުގެ ހާލަތު ހުރިގޮތުންނާއި، ހޭނައްތާ ބޭހާއި އަސާސީ ސިއްހީ ސާމާނު ހުސްވަމުންދިއުމުގެ ސަބަބުން، އާދައިގެ ފަރުވާއަކުން ސަލާމަތްކުރެވެން ހުންނަ ގުނަވަންތައްވެސް ބުރިކުރަން މަޖުބޫރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ގުނަވަން ބުރިކޮށްފައިވާ މި އެތައް ހާސް ކުދިންނަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ޣައްޒާ ހިސާރުކޮށްފައި އޮތުމުގެ ސަބަބުން މަސްނޫއީ ގުނަވަންތައް ހެދުމަށް ބޭނުންވާ ސާމާނު އެތެރެނުކުރެވުމެވެ. މީގެ ސަބަބުން އެކުދިންނަށް ބޭނުންވާ ފިޒިއޮތެރަޕީއާއި ރިހެބިލިޓޭޝަންގެ ޚިދުމަތްތައް ވަނީ މުޅިން ހުއްޓުމަކަށް އައިސްފައެވެ.









