ހުޅުމާލެ ފޭސް 1 ގައި ބަނގުރާ ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި 24 ދަޅު ބަނގުރާއެކު ދެ ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރަށް ނިސްބަތްވާ ދެ މީހުންނެވެ. އެއީ ރާނީވިލާ / ޅ. ނައިފަރު، މުހައްމަދު މުބާރިކް (32އ) އަދި ސައިލުގެ / ޅ. ނައިފަރު، ހަސަން ގާސިމް (23އ) އެވެ.
މި ދެ މީހުން އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް ހޯދުމަށްޓަކައި ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރުމުގެ ތެރޭގައެވެ. އެގޮތުން، މި ހިނގާ އޮގަސްޓު މަހުގެ 21 ވަނަ ދުވަހުގެ ރޭ ކަންނެލި ޖެޓީ ސަރަހައްދުން ފުލުހުން ފެނުމާއެކު އެ މީހުންގެ ހަރަކާތްތައް ހުރިގޮތުން ތުހުމަތުކުރެވިގެން ވަނީ ހުއްޓުވާފައެވެ.
އަދި އެ މީހުން ތިބި ސަރަހައްދާއި ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު، 24 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ މުޙައްމަދު މުބާރިކް 15 ދުވަހުގެ މުއްދަތަކަށް އަދި ހަސަން ގާސިމް 5 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.









