ޣައްޒާގެ ދެކުނުން ޚާން ޔޫނިސްގެ ސަރަހައްދުތަކަށް އިސްރާއީލުގެ ބާރުތަކުން ދެމުންދާ ވަރުގަދަ ހަމަލާތަކުގައި ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ ރައްޔިތުން ޝަހީދުވެ، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ.
ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި، ޚާން ޔޫނިސްގެ ދެކުނާއި ހުޅަނގުގެ އަވަށްތަކަށް އަމާޒުކޮށް ޔަހޫދީންގެ ޓޭންކުތަކުންނާއި ބަޑީގެ ބާރުގަދަ ހަމަލާތައް ދަނީ މެދުކެނޑުމެއްެއް ނެތި ދެމުންނެވެ.
މި ހަމަލާތަކުގައި ގިނައިން ޝަހީދުވެފައިވަނީ އާންމު ރައްޔިތުންނާއި ކުޑަކުދިންނެވެ. ހަމަލާތަކުގެ ސަބަބުން ޚާން ޔޫނިސްގެ ގިނަ އަދަދެއްގެ ގެދޮރު ވަނީ ސުންނާފަތިވެފައެވެ.
ސިވިލް ޑިފެންސް ޓީމުތަކުން ބުނެފައި ވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އަދިވެސް ގިނަ ބަޔަކު ތާށިވެފައި ތިބި ކަމަށާއި، ހަމަލާތައް ވަރުގަދަވުމުގެ ސަބަބުން އެމީހުން ސަލާމަތްކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.









