ބްރެޒިލްގެ ލެޖެންޑަރީ ފުޓްބޯޅަ ކުޅުންތެރިޔާ ރޮބާޓޯ ކާލޮސް އިސްލާމްދީން ގަބޫލުކޮށްފި
ދުނިޔޭގެ ފުޓްބޯޅައިގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ވާތުބެކް ކަމަށް ގިނަ ބަޔަކު އެއްބަސްވާ ބްރެޒިލްގެ ލެޖެންޑް ރޮބާޓޯ ކާލޮސް އިސްލާމްދީން ގަބޫލުކޮށްފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
މި ހަބަރު ހާމަކޮށްފައިވަނީ ތުރުކީގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ އަލީ ޝާހިން އެވެ. އަލީ ޝާހިން ވިދާޅުވި ގޮތުގައި، ކާލޮސް އިސްލާމްދީން ގަބޫލުކޮށްފައިވަނީ މީގެ ހަތަރު ހަފުތާއެއްހާ ދުވަސް ކުރިން ބްރެޒިލްގައެވެ. މި މައުލޫމާތު އޭނާއާ ހިއްސާކުރެއްވީ ބްރެޒިލްގެ އިސްލާމީ އިސް ލީޑަރެއް އަދި ނޭޝަނަލް އެސޯސިއޭޝަން އޮފް އިސްލާމިކް ޖޫރިސްޓްސްގެ ނައިބު ރައީސް ޝައިހް ޖިހާދު ގައްމާދޭ އެވެ.
ބްރެޒިލްގެ ސައޯ ޕައޮލޯގައި މުސްލިމް ޖަމާއަތްތަކުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމަކަށްފަހު، އަލީ ޝާހިން ސޯޝަލް މީޑިއާގައި ހާމަކުރެއްވި ގޮތުގައި، ކާލޮސް އިސްލާމްދީން ގަބޫލުކުރުމުގެ ކުރިންވެސް ޝައިހް ޖިހާދުއާ ގުޅުން ބާއްވަމުން ގެންދެވިއެވެ. އަދި މީގެ މަހެއްހާ ދުވަސް ކުރިން ޝައިހްގެ އަރިހަށް ޒިޔާރަތްކޮށް، ކާލޮސް ވަނީ ޝަހާދަތުގެ ދެ ކަލިމަ ދުލުން ކިޔައި އިސްލާމްދީނަށް ވަދެފައެވެ. މި ބައްދަލުވުމުގައި ބްރެޒިލްގެ އިސްލާމީ ޖަމްއިއްޔާތަކުގެ އިސް ވެރިން ކަމަށްވާ ޝަރީފް ނެޓޯ އަދި އުމަރު އާރިފް ފަދަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އަލީ ޝާހިން ވަނީ ރޮބާޓޯ ކާލޮސް އިސްލާމްދީން ހިޔާރުކުރުމާ ގުޅިގެން އޭނާއަށާއި އޭނާގެ އާއިލާއަށް ހެޔޮއެދުންތައް ފޮނުއްވައި، އަމަންއަމާންކަމާއި ދުޅަހެޔޮކަމަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން، އުމުރުން 53 އަހަރުގެ ކާލޮސް ދާދިފަހުން ވަނީ ސްޕެއިންގައި ހަރަކާތްތެރިވާ މޮރޮކޯ ދަރިކޮޅުގެ ފުޓްބޯޅަ އެޖެންޓެއް ކަމަށްވާ ސުހައިލާ އަލްތުހައިރީއާ ކައިވެނިވެސް ކޮށްފައެވެ.
ރެއާލް މެޑްރިޑާއި ތުރުކީގެ ފެނަބާޗޭ ފަދަ މަޝްހޫރު ކްލަބުތަކަށް ކުޅެ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކާލޮސް އިސްލާމްދީން ޤަބޫލުކުރި ހަބަރު ދުނިޔޭގެ މީޑިއާތަކުގައި ފެތުރެމުން ދިޔަނަމަވެސް، އޭނާ އަދި މިކަމާ ގުޅޭގޮތުން ރަސްމީކޮށް އާންމުކޮށް ވާހަކަދައްކަވާފައެއް ނުވެއެވެ.









