އީރާނާއި އެމެރިކާ އާއި ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް ބޮޑުވެ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އީރާނުން ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި މުހިންމު ބިނާތަކަށް އަމާޒުކޮށް ވަރުގަދަ މިސައިލް އަދި ޑްރޯން ހަމަލާތަކެއް ދީފިއެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އާއި އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވާ ގޮތުގައި، މިއީ އެމެރިކާއިން އީރާނުގެ ދެކުނު އައްސޭރިފަށުގެ ސަރަހައްދުތަކަށް ދެމުންދާ ވައިގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެކެވެ. މި ހަމަލާތަކުގައި ލިބުނު ގެއްލުންތަކަށް ބަލާއިރު، އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކުވެއިތުގައި ހުންނަ އެމެރިކާގެ "އަލީ އަލް ސާލިމް" އެއާ ބޭސްގެ ފިއުލް ސްޓޯރޭޖް ޓޭންކުތަކާއި ޕެޓްރިއަޓް ވައިގެ ދިފާއީ ނިޒާމުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މީގެ އިތުރުން "އަހުމަދު އަލް ޖާބިރު" އެއާ ބޭސްގައި ހުރި ރާޑަރު ނިޒާމަކަށާއި، އަދި ކުވެއިތުގެ އުތުރު ބޯޑަރުގައި ހުރި އެމެރިކާގެ ހައިމާސް މިސައިލް ލޯންޗަރުތަކަށް ވެސް ހަމަލާ އަރާފައިވާ ކަމަށް އީރާނުން ބުނެއެވެ.
ކުވެއިތުގެ ރަސްމީ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، އުތުރު ބޯޑަރުގެ ތިން ސަރަހައްދަކަށާއި ކުވެއިތު އޮއިލް ކޮމްޕެނީން އޮޕަރޭޓްކުރާ ކަނޑުގެ ތެޔޮ ކޮންނަ ޕްލެޓްފޯމަކަށް ވެސް ހަމަލާ އަމާޒުވެ މާއްދީ ގެއްލުންތަކެއް ވަނީ ލިބިފައެވެ. މި ހަމަލާތަކުގައި އެ ތެޔޮ ޕްލެޓްފޯމުގައި މަސައްކަތް ކުރަމުންދިޔަ އެކަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.






