މާލޭގެ ބޮޑުތަކުރުފާނު މަގު، ދަރުބާރުގެ ކައިރީގައި މިއަދު ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، ދަރުބާރުގެ ކައިރީގައި ސައިކަލަކާއި ޓްރެއިލަރ ލޮރީއެއް ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލައެއް ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 15:57 އެހައިކަންހާއިރުއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ހމ. ގޯތި ނަންބަރު 20054 (ގްރީންޕީކް) / މާލެ، އިބްރާހީމް ނާސިހު (39އ) އެވެ. އޭނާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.
މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، ނާސިހު ނިޔާވެފައިވަނީ ޓްރެއިލަރ ލޮރީއެއްގެ ދަށުވެގެންނެވެ. ނަމަވެސް، އޭނާ އުޅަނދުގެ ދަށުވާން މެދުވެރިވީ އުޅަނދުގައި ޖެހި އެކްސިޑެންޓް ވެގެން ކަމަށް މިހާތަނަށް ބެލިބެލުމުން ނުބެލެވޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ލިބެމުންދާ ވަރަކަށް ހިއްސާ ކުރާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.









