އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) އިން ގަލްފުގެ ހަތަރު ގައުމެއް ކަމަށްވާ ގަތަރު، ޔޫއޭއީ، ބަހުރައިން އަދި ކުވައިތަށް އަމާޒުކޮށް ބަލިސްޓިކް މިސައިލާއި ޑްރޯންގެ ވަރުގަދަ ހަމަލާތަކެއް މިއަދު ދީފި އެވެ. ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، މި ހަމަލާތައް އަމާޒުކޮށްފައިވަނީ އެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ. މިއީ ސްޓްރެއިޓް އޮފް ހުރްމޫޒްގެ މައްސަލައިގައި އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ އަމާޒުތަކަށް ދިން ވައިގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ފެށި އަސްކަރީ ހަރަކާތެކެވެ.
ފަހުގެ އަޕްޑޭޓްތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ގަތަރުގެ ވެރިރަށް ދޯހާގެ މަތިން ގިނަ އަދަދެއްގެ މިސައިލްތަކެއް ދަތުރުކުރަނިކޮށް ފެނިފައިވާއިރު، ބާރުގަދަ ގޮވުންތަކެއްގެ އަޑު ވަނީ އިވިފަ އެވެ. ގަތަރުގެ ދިފާއީ ވުޒާރާއިން ބުނީ އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުން އީރާނުގެ މިސައިލްތައް ކާމިޔާބުކަމާއެކު ވައްޓާލާފައިވާ ކަމަށެވެ. ނަމަވެސް ސަލާމަތީ ނުރައްކާ ބޮޑުވުމުގެ ސަބަބުން، ރައްޔިތުން ގޭގައި ނުވަތަ ރައްކާތެރި ތަންތަނުގައި ތިބުމަށް ގަތަރުގެ ދާހިލީ ވުޒާރާއިން ވަނީ އިރުޝާދު ދީފަ އެވެ.
ޔޫއޭއީގެ ދިފާއީ ވުޒާރާއާ ހަވާލާދީ ރިޕޯޓްކުރި ގޮތުގައި، އެމިރޭޓްސްގެ ވައިގެ ސަރަހައްދަށް ވަން އީރާނުގެ މިސައިލްތަކާއި ޑްރޯންތައް ވެސް ދިފާއީ ނިޒާމުތަކުން ވަނީ ހުއްޓުވާފަ އެވެ. ހަމައެއާއެކު، އެމެރިކާގެ ކަނޑުގެ ސިފައިންގެ ފަސްވަނަ ފްލީޓް ގާއިމުވެފައި އޮންނަ ބަހުރައިންގައި ވައިގެ ހަމަލާގެ އިންޒާރުދޭ ސައިރަންތައް އަޅުވާފައިވާއިރު، ކުވައިތުން ވެސް ވަނީ އެ ގައުމަށް އަމާޒުވި ހަމަލާތައް ނާކާމިޔާބުކޮށްލާފައިވާ ކަމަށް ބުނެފަ އެވެ. އައިއާރުޖީސީން ބުނެފައިވަނީ މިއީ އެމެރިކާގެ ހަމަލާތަކަށް ދޭ "އަދަބެއް" ކަމަށެވެ.
މި ހަމަލާތަކާ ގުޅިގެން ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ގައުމުތަކުން ވަނީ އީރާނުގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އަދި މިއީ އެ ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން ކަމަށް ބުނެ، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު މި ހަމަލާތަކުން ދިފާއުވުމުގެ ހައްގު ލިބިގެންވާ ކަމަށް ގަލްފުގެ ގައުމުތަކުން ވަނީ ބުނެފަ އެވެ.









