އިސްރާއީލުގެ ސިފައިންގެ މީހަކު ބޮލަށް ބަޑިޖަހައި އަމިއްލައަށް މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ފަލަސްތީނުގެ ގައްޒާގައާއި ލުބުނާނުގައި އިސްރާއީލުން ކުރިއަށްގެންދާ ހަނގުރާމައިގެ ސަބަބުން ސިފައިންނަށް ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
އިސްރާއީލު ސިފައިންގެ ތެރޭގައި އަމިއްލައަށް މަރުވާ މީހުންގެ އަދަދު ވަނީ އާދަޔާ ހިލަޔަށް އިތުރުވާން ފަށާފައެވެ. އިސްރާއީލުގެ ރަސްމީ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރު އެކަނިވެސް ހިދުމަތުގައި ތިބި 22 ސިފައިން އަމިއްލައަށް މަރުވެފައިވެއެވެ. މިއީ ފާއިތުވި 15 އަހަރުގެ ތެރޭގައި އިސްރާއީލު ސިފައިންގެ ތެރޭގައި އަމިއްލައަށް މަރުވުމުގެ ރޭޓް މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.
ނަފްސާނީ މާހިރުންނާއި އިސްރާއީލުގެ މީޑިއާތަކުން ފާހަގަކުރާ ގޮތުގައި، އިޒުރޭލު ސިފައިންގެ މެދުގައި މިފަދަ ހާދިސާތައް އިތުރުވަނީ ހަނގުރާމައިގެ މައިދާނުގައި ފެންނަ ބިރުވެރި މަންޒަރުތަކުގެ ސަބަބުންނެވެ. ގިނަ ސިފައިން ހަނގުރާމައިން އެނބުރި އައުމަށްފަހު އާންމު ދިރިއުޅުމަށް ރުޖޫއަވުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހެއެވެ. މީގެ ތެރެއިން ބައެއް ސިފައިން ސޯޝަލް މީޑިއާގައި ލިޔެފައިވާ ގޮތުގައި، ހަނގުރާމައިގައި ކުރެވުނު ކަންތައްތަކުގެ ސަބަބުން އެމީހުން ދެރަވެ ހިތާމަ ކުރެއެވެ.
އިޒުރޭލު ސިފައިން އަމިއްލަ އަށް މަރުވާ މިންވަރު ގިނަވެ، އިސްރާއީލުގެ ކްނެސެޓް (ޕާލަމެންޓް) އިން ވަނީ މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. ރަސްމީ ރިޕޯޓްތައް ބުނާގޮތުން ހަނގުރާމަ ފެށުނު ފަހުން 85،000 އަށްވުރެ ގިނަ ސިފައިން ވަނީ ނަފްސާނީ އެހީތެރިކަމަށް އެދިފައެވެ. އަދި ގައްޒާ ހަނގުރާމައިގައި އަނިޔާވި ސިފައިންގެ ތެރެއިން ގާތްގަނޑަކަށް 10،000 ސިފައިންނަކީ ސީދާ ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނެވެ.









