މާލޭގައި ޢިމާރާތް ކުރުމަށް ނިންމާފައިވާ މަސްމާރުކޭޓް ކޮމްޕްލެކްސްގެ ބޮޑު މަޝްރޫ ކުރިޔަށް ގެންދިޔަ ނުދިނުމަށް ސިޓީ ކައުންސިލުން ސަރުކާރަށް ހުރަސް އަޅަމުންދާތީވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރައީސް ވަނީ ސިޓީ ކައުންސިލުން ދަނީ މާރުކޭޓް ކޮމްޕްލެކްސް އަށް ބޭނުންވާ ބިން ހަވާލު ނުކޮށް، އިމާރާތް ފެށުމަށް ހުރަސް އަޅަމުން ކަމަށް ތުހުމަތު ކުރައްވާފައެވެ.
"ދަ ޕަލްސް" ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން އިސްކަންދީފައިވަނީ މާލޭގެ ބާޒާރު ސަރަހައްދު ބަދަލުކުރުމަށް އަމާޒުކޮށްގެން ޒަމާނީ މާކެޓް ކޮމްޕްލެކްސެއް ހިމެނޭ ގޮތަށް މަސްވެރިންނާއި ވިޔަފާރިވެރިންނަށް ފެސިލިޓީތައް ތަރައްގީކުރުމަށެވެ. ނަމަވެސް މީގެ ހަތަރު މަސް ކުރިން ކޮންޓްރެކްޓަރު އައްޔަންކޮށް، ފައިސާ ހަމަޖައްސާފައި ވާއިރު ވެސް ކައުންސިލުން ޕްރޮޖެކްޓް ސައިޓް ހުސްކޮށް ހަވާލު ކޮށްފައި ނުވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ މަސއްކަތްތައް ކުރިޔަށް ގެންދިޔުމަށް ތަކުރާރުކޮށް ކައުންސިލަށް އެދިފައިވާ ކަމަށެވެ. ނަމަވެސް ޢަމަލީ މަސައްކަތް ފެށޭވަރުގެ ޖަވާބެއް ލިބިފައި ނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަ ބުރީގެ މާރުކޭޓް ކޮމްޕްލެކްސްގައި މަސް މާރުކޭޓާއި ލޯކަލް މާރުކޭޓާއި ޓޫރިސްޓް މާރުކޭޓް އެއް ފުރާޅެއްގެ ދަށުން އެއްކޮށްލެވޭނެ އެވެ. ޒަމާނީ ފެސިލިޓީގައި 95،000 އަކަފޫޓަށް ވުރެ ބޮޑު ޖާގައެއް ހުންނާނެއެވެ. އަދި 455 ކިއޮސްކް ބެހެއްޓޭނެއެވެ.
މި މަޝްރޫއަށް ސަރުކާރުން 126.34 މިލިއަން ރުފިޔާ އިންވެސްޓް ކުރުމަށް ނިންމާފައިވާއިރު އަމާޒަކީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ފެސިލިޓީ ނިންމުމެވެ. މި ކޮމްޕްލެކްސް ނިމުމުން މާކެޓް އޮޕަރޭޝަންސް ވަރަށް ބޮޑަށް ރަނގަޅުވެ، އެ ސަރަހައްދުގައި ތޮއްޖެހުން ކުޑަވެ، މާލޭގެ ވިޔަފާރި ދާއިރާގެ ސިފަ ބަދަލުވާނެއެވެ.
ސަރުކާރުން ކުރިއަށް ގެންދިއުމަށް ތައްޔާރަށް އޮތް ނަމަވެސް، އިމާރާތް ކުރުމަށް ބޭނުންވާ ބިން ސިޓީ ކައުންސިލުން އަދި ދޫނުކުރާތީ އެ މަޝްރޫއު އަދިވެސް އޮތީ ހުއްޓިފައެވެ.









