މެދުއިރުމަތީގައި އުފެދިފައިވާ ފިތުނަތައް ކުޑަވުމުގެ އަލާމާތްތަކާ ގުޅިގެން އިޒުރޭލުގައި ހުރި އެމެރިކާގެ އަސްކަރީ ސާމާނުތައް އަނބުރާ އެމެރިކާއަށް ގެންދަން ނިންމައިފިއެވެ.
އެމެރިކާ އިން ނިންމާފައި ވަނީ މެދުއިރުމަތީގައި ހަނގުރާމަ ކުރުމަށް އިޒުރޭލަށް ގެންދިޔަ އެމެރިކާގެ މަތިންދާބޯޓުތައް ވެސް އަނބުރާ ގެންދާށެވެ. އޭގެތެރޭގައި ޖައްވުގައި އޮވެގެން އެއްބޯޓުން އަނެއް ބޯޓަށް ތެޔޮ އަޅަން ބޭނުންކުރާ މަތިންދާބޯޓުތައް ވެސް ހިމެނެއެވެ.
ބައެއް މަސްދަރުތައް ބުނާ ގޮތުގައި ތެޔޮ އަޅަން ބޭނުންކުރާ 14 މަތިންދާބޯޓު އަނބުރާ ގެންދާނެއެވެ. މީގެ އިތުރުން އެފް-22 ރެޕްޓާ ފަޔަރ ޖެޓް ތައް ވެސް ގެންދާނެއެވެ.
އީރާނާއި އެމެރިކާ އާއި ދެމެދު 14 ނުކުތާގެ އެއްބަސްވުމެއްގެ ޑްރާފްޓެއް އެކުލަވާލާފައި ވާއިރު، ހުކުރު ދުވަހު ޖެނީވާގައި އޮންނަ ހާއްސަ ރަސްމިއްޔާތުގައި އޭގައި ސޮއި ކުރެވޭނެ ކަމަށް ބެލެވެއެވެ.









