ދެކުނު ލުބުނާނުގައި އިސްރާއީލުން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަން ވަރުގަދަކޮށް، 2006 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް އިސްރާއީލު ސިފައިން ލިޓާނީ ކޯރު ހުރަސްކޮށްފިއެވެ. މި ކުރިއެރުމާއެކު، އިސްރާއީލު ސިފައިން މިހާރު ތިބީ ދެކުނު ލުބުނާނުގެ އެންމެ ބޮޑު އެއް ސިޓީ ކަމަށްވާ ނަބަޠިއްޔާ ވަށާލައިގެންނެވެ.

ލުބުނާނުގެ އަސްކަރީ މަސްދަރުތަކުން ތުރުކީގެ އަނަޑޯލޫ އެޖެންސީއަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، އިސްރާއީލު ސިފައިން ވަނީ އިސްރާއީލުން ކަނޑައަޅާފައިވާ "ބަފަރ ޒޯން" ގެ ބޭރުން ލިޓާނީ ކޯރު ހުރަސްކޮށްފައެވެ. އިގްތިސާދީ އަދި ސަގާފީ ގޮތުން މުހިންމު މި ސިޓީއަކީ ލުބުނާނުގެ ރައްޔިތުން އިސްރާއީލާ ދެކޮޅަށް ކުރާ މަސައްކަތުގެ ރަމްޒެއްގެ ގޮތުގައި ބެލެވޭ ސިޓީއެކެވެ. މި ސިޓީ އިސްރާއީލުގެ އަތްދަށަށް ހިނގައްޖެނަމަ، މިއީ މި ހަނގުރާމައިގައި ލިބޭނެ ބޮޑު ބަދަލެކެވެ.

އިސްރާއީލުން ދަނީ ނަބަޠިއްޔާ ވަށާލައި، ހިޒްބުاللهގެ ދިފާއީ ސަފުތައް ފޫއަޅުވާލުމަށް މަސައްކަތް ކުރަމުންނެވެ. މި ކުރިމަތިލުންތަކުގެ ތެރޭގައި އިސްރާއީލުގެ ޑްރޯން ހަމަލާއެއްގައި ލުބުނާނު ސިފައިންގެ ދެ މީހަކު ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ. އަދި ޖެބްޗިޓް އަވަށަށް ދިން ހަމަލާއެއްގައި ސިއްހީ އެހީތެރިއަކު މަރުވެ، ހަތަރު މީހަކު ޒަޚަމްވެފައިވާ ކަމަށް ލުބުނާނުގެ ރަސްމީ ނޫސް އެޖެންސީން ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން، އިސްރާއީލު ސިފައިން ވަނީ ތާރީޚީ ބޫފޯޓް ކަސްލް ކައިރިއަށްވެސް ހަމަލާތައް ދީފައެވެ. ރައްދުގައި ހިޒްބުاللهއިން ވަނީ އިސްރާއީލުގެ އުތުރުގެ ރަށްތަކަށް ރޮކެޓް ހަމަލާތައް ދީ، އިސްރާއީލުގެ އަސްކަރީ އުޅަނދެއް ގޮއްވާލާފައިވާ ކަމަށް ބުނެފައެވެ.

ލުބުނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް ވަނީ އިސްރާއީލުގެ މި އަމަލުތަކަކީ "ނުރައްކާތެރި އަދި މީގެ ކުރިން ފެނިފައިނުވާ ފަދަ" ހަމަލާތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އޭނާ ވިދާޅުވީ އިސްރާއީލުން ގެންގުޅޭ "އަންދާ އަޅިއަށް ހަދާލުމުގެ" ސިޔާސަތުން އެގައުމަށް ސަލާމަތެއް ނުލިބޭނެ ކަމަށެވެ. މިހާރުވެސް ލުބުނާނުގެ އާބާދީގެ 20 އިންސައްތައަށްވުރެ ގިނަ މީހުން (ގާތްގަނޑަކަށް 1.2 މިލިއަން މީހުން) ވަނީ ގެދޮރު ދޫކޮށް ދާންޖެހިފައެވެ.

އެމެރިކާގެ މެދުވެރިކަމާއެކު ސުލްހައިގެ ވާހަކަތައް ކުރިއަށްދާއިރު، އިސްރާއީލުން ދަނީ ލުބުނާނުގެ 10 އަވަށަކުން މީހުން ހުސްކުރުމަށް އަމުރު ނެރެމުންނެވެ. ލުބުނާނުގެ ރައީސް ޖޯސެފް އައުން ވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާ ފޯނުން ގުޅުއްވައި، އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިހުތިރާމް ކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަދައްކަވާފައެވެ. ނަމަވެސް އިސްރާއީލުން ބުނަމުންދަނީ އެގައުމުން ހަމަލާދެނީ ހިޒްބުاللهގެ ހަތިޔާރު ނައްތާލުމަށް ކަމަށެވެ.