އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްނަންގަވައިގެން ފަލަސްތީނުގެ ޣައްޒާ އަލުން އާރާސްތުކުރުމުގެ ނަމުގައި އުފެއްދެވި ގާޒާ “ބޯޑް އޮފް ޕީސް" އަށް އެއްވެސް ފަރާތަކުން ފައިސާގެ އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ސަބަބުން، އެ މަޝްރޫޢު ހުއްޓުމަކަށް އަތުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ހިނގަމުން މިދާ މެއި މަހުގެ 28 ވީ ބުރާސްފައްޗާއި ހަމައަށް އައިއިރު، މި ފަންޑަށް ދުނިޔޭގެ ގައުމަކުން ނުވަތަ އަމިއްލަ ޖަމާއަތަކުން ވެސް އެއްވެސް މިންވަރަކަށް ފައިސާ ހަދިޔާކޮށްފައެއް ނުވެއެވެ. މިއީ ޓްރަމްޕްގެ ސަރުކާރުން ފަލަސްތީނުގެ މައްސަލައިގައި ގެންގުޅޭ ސިޔާސަތުތަކަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އިތުބާރު ނެތްކަން ހާމަވާ ކަމެއް ކަމަށް މުޙައްލިލުން ބުނެއެވެ.

މި ބޯޑު އުފެއްދުމުގެ މައިގަނޑު މަޤްޞަދެއް ކަމަށް ޓްރަމްޕް ވިދާޅުވެފައި ވަނީ ޣައްޒާގެ އިޤްތިޞާދު އާރާސްތުކޮށް، އެ ސަރަޙައްދަކީ ވިޔަފާރީގެ މަރުކަޒަކަށް ހެދުމެވެ. ނަމަވެސް، އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާންތަކަށް އެމެރިކާއިން ފާޅުގައި ތާއީދުކުރަމުންދާ ދަނޑިވަޅެއްގައި، މިފަދަ "ޞުލްޙައިގެ" މަޝްރޫޢުތަކަކީ ދައްކާލާ ދަޅައެއް ކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތަކަށް އުނިކަންލިބޭ ގޮތަށް އަދި އިސްރާއީލުގެ މަޞްލަޙަތަށް އިސްކަންދީގެން ހިންގާ މިފަދަ މަޝްރޫޢުތަކަށް ފައިސާ ދިނުމަށް އިސްލާމީ ޤައުމުތަކުންނާއި ޔޫރަޕްގެ ޤައުމުތަކުން ވެސް ވަނީ ފަސްޖެހިފައެވެ.