އިސްރާއީލުން ލުބުނާނުގެ އެކު ސަރަހައްދުތަކަށް އަމާޒުކޮށް މިއަދު ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި 31 މީހަކު ޝަހީދުވެ، 40 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.
ލުބުނާނުގެ ސިއްހީ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، އިސްރާއީލުގެ ހަނގުރާމަމަތީ ބޯޓުތަކުން ވަނީ ދެކުނުގެ އަވަށެއް ކަމަށްވާ ޠޫރު އާއި އެ ސަރަހައްދުގެ ވަށައިގެންވާ އަވަށްތަކަށް ބޮން އަޅާފައެވެ. މި ހަމަލާތަކުގައި ގިނަ އަދަދެއްގެ އާންމުން ދިރިއުޅޭ އިމާރާތްތަކާއި އުމްރާނީ ވަސީލަތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މި ހަމަލާތައް ދީފައިވަނީ އިސްރާއީލުން ލުބުނާނުގެ މުޖާހިދުންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައެވެ. ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ރިޕޯޓުތައް ބުނެއެވެ. ޒަޚަމްވި މީހުންނަށް ފަރުވާ ދިނުމަށް އެ ސަރަހައްދުގެ ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާއިރު، ބައެއް މީހުންގެ ހާލު ސީރިއަސްވުމުން ޝަހީދުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވެއެވެ.








