އިސްރާއީލާއި ފަލަސްތީނާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ފުލުހުންގެ ފަސް އޮފިސަރުންނާއި 13 އަހަރުގެ ކުޑަކުއްޖަކު ޝަހީދުކޮށްލައިފިއެވެ.
ޣައްޒާގެ ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ހަމަލާ ދީފައިވަނީ އުތުރު ޣައްޒާގެ އައްތުވާމް ސަރަހައްދުގައި ހުރި ފުލުހުންގެ މަރުކަޒަކަށެވެ. އިސްރާއީލުގެ އަސްކަރީ މަތިންދާބޯޓުތަކުން ދިން މި ހަމަލާގައި ދެ މިސައިލް އެ މަރުކަޒަށް އަމާޒުކޮށްފައިވެއެވެ.
އަލްޖަޒީރާގެ ރިޕޯޓަރު ހާނީ މަހްމޫދު ޣައްޒާ ސިޓީން މައުލޫމާތު ދިން ގޮތުގައި، މި ހަމަލާގައި ފުލުހުންގެ ފަސް އޮފިސަރުން އެތަނުގައި ތިއްބާ ވަގުތުން ވަނީ ޝަހީދުވެފައެވެ. އަދި އަލްޝިފާ ހޮސްޕިޓަލުން ލިބުނު މައުލޫމާތަށް ބަލާއިރު، އެ ސަރަހައްދުގައި ހުރި 13 އަހަރުގެ ކުއްޖަކު ވެސް ވަނީ މި ހަމަލާގައި މަރުވެފައެވެ. މީގެ އިތުރުން 10 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.
ޣައްޒާގެ ފުލުހުންގެ ޑައިރެކްޓަރޭޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ވަކިން ހިނގާފައިވާ ހާދިސާއެއް ނޫން ކަމަށާއި، މިއީ ޣައްޒާގެ އަމަންއަމާންކަން ބަލަހައްޓާ ފުލުހުންނާއި ސަލާމަތީ ބާރުތަކަށް އަމާޒުކޮށް އިސްރާއީލުން ބަދަލުހިފުމުގެ ގޮތުން ދެމުންދާ ސިލްސިލާ ހަމަލާތަކުގެ ބައެއް ކަމަށެވެ. މި ހަމަލާތަކުގެ ސަބަބުން ޣައްޒާގައި އާންމު ނިޒާމު ގެއްލި، އެހީ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޣައްޒާގެ ޕްލޭނާ ބެހޭގޮތުން މަޝްވަރާ ކުރެވެމުންދާ ދަނޑިވަޅެއްގައި، 10،000 އެއްހާ މީހުން ހިމެނޭ ޣައްޒާގެ ފުލުހުންގެ ފައުޖަށް އަމާޒުކޮށް މިފަދަ ހަމަލާތައް ދިނުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް މުހައްލިލުން ފާހަގަކުރެއެވެ.
އޮކްޓޯބަރު 7، 2023 ގައި ފެށި ހަނގުރާމައަށްފަހު، އޮކްޓޯބަރު 10، 2025 ގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، އިސްރާއީލުން ދަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޣައްޒާއަށް ހަމަލާދެމުންނެވެ. އިސްރާއީލުގެ މި ލާނުސާނީ އަމަލުތަކުގައި މިހާތަނަށް 72,775 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާއިރު، ހަނގުރާމަ ހުއްޓާލި ފަހުން އެކަނިވެސް 883 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
މީގެ އިތުރުން، ޣައްޒާގައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިސްރާއީލުން ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރަމުންދާތީ، ސިއްހީ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ޔޫއެން އިން ހާމަކުރި ގޮތުގައި، ބޭހާއި ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން ޣައްޒާގެ ކުޑަކުދިންގެ މެދުގައި ހަމުގެ ބަލިތައް ވަނީ އާދަޔާ ހިލާފަށް އިތުރުވެފައެވެ. ނަމަވެސް އެކަމަށް ބޭނުންވާ އަސާސީ ބޭސް ލިބެން ނެތުމުގެ ސަބަބުން ގިނަ ކުދިން ތިބީ ފަރުވާއެއް ނުލިބިފައެވެ.








