ހުޅުމާލެ ސްޓެލްކޯ ސަރަހައްދު ފަޅުތެރެއަށް ވަލެއް އެއްސުމަށް މޫދަށް ފޭބިފަހުން ހަބަރެއް ނުވެގެން ހޯދަމުންދިޔަ މީހާ، މަރުވެފައި އޮއްވާ މިއަދު ހެނދުނު ފެނިއްޖެއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ކ. ގުރައިދޫ، ރަތްވިލާގެ، އިބްރާހިމް ޝާކިރު (48 އަހަރު) އެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ހުޅުމާލެ ސްޓެލްކޯއާ ދިމާލު ފަޅުތެރެއަށް މޫދަށް ފޭބި މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ އިއްޔެ އިރުއޮއްސި 18:30 އެހައިކަންހާއިރު އެވެ. މި ރިޕޯޓް ލިބުމާއެކު، ފުލުހުންނާއި ސިފައިން ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ވަނީ ވަގުތުން ފަށާފައެވެ.

އިބްރާހިމް ޝާކިރުގެ ހަށިގަނޑު ފެނިފައިވަނީ މިއަދު ހެނދުނު 08:25 އެހައިކަންހާއިރު މޫދު އަޑިންނެވެ. އޭނާގެ ހަށިގަނޑު ފެނުމާއެކު ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވެ އެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.