
ޞުމޫދް ފްލޮޓިއްލާގެ އުޅަނދުތަކާއި ޔަހޫދީ ސިފައިން ހަތިޔާރާއި އެކު މިއަދު ކުރިމަތިލާއިރު، ފްލޮޓިއްލާގެ ބައިވެރިޔަކު އަމާންދީގެން / ފޮޓޯ: ރޮއިޓާސް
ހައްދުފަހަނަ އަޅާފައިވާ އިޒުރޭލުން ޣައްޒާ ފުރަބަންދު ކޮށްފައި ވާތީވެ އެ ޙިޞާރުތައް ފޫއަޅުވައިލައި ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ދަތުރުކުރި އުޅަނދުތަކަށް ޔަހޫދީ ސިފައިން ހުރަސްއަޅައިފި ކަމަށާއި ފޯނުތައް ވެސް މޫދަށް އުކާލައިފި ކަމަށް އެ ހަރަކާތް އިންތިޒާމުކުރާ ގްލޯބަލް ޞުމޫދް ފްލޮޓިއްލާ ޖަމްޢިއްޔާއިން ބުނެފިއެވެ.
މިދިޔަ ހަފްތާގައި ތުރުކީވިލާތުން ފުރައިގެން އިޒުރޭލުގެ ހުރަސްތައް ފޫއަޅުވާލައި ޣައްޒާ އަށް އެހީ ވެއްދުމަށް 50 އެއްހާ އުޅަނދު ދަނީ ދަތުރުކުރަމުންނެވެ.
އެ ޖަމްޢިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، ޣައްޒާގެ 250 މޭލު ބޭރުން، ޔަހޫދީ ސިފައިން ވަނީ ފްލޮޓިއްލާގެ އުޅަނދުތަކާއި ކުރިމަތިލައި އިންޒާރުތައް ދޭން ފަށާފައެވެ.
އެ ޖަމްޢިއްޔާ އިން ބުނީ ބައެއް އުޅަނދުތަކަށް ހަތިޔާރާއި އެކު ޔަހޫދީ ސިފައިން އަރައިފި ކަމަށެވެ.
ތުރުކީގެ މަސްދަރަކުން ބުނީ ބޯޓުތަކަށް ޔަހޫދީ ސިފައިން އަރައި އިންޒާރުދީ ފްލޮޓިއްލާގެ ބައިވެރިންގެ ފޯނުތައް ވެސް މޫދަށް އުކާލާފައިވާ ކަމަށެވެ.










