އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން އިސްރާއީލުގެ އިތުރު ފަސް އޮފިޝަލަކު ހައްޔަރު ކުރުމުގެ “ސީކްރެޓް” އަމުރެއް ނެރެފައިވާ ކަމަށާއި އޭގެ ތެރޭގައި ސިޔާސީ ތިން ބޭފުޅުންނާއި އަސްކަރިއްޔާގެ ދެބޭފުޅުން ހިމެނޭ ކަމަށް އިސްރާއީލުގެ ނޫހަކުން އިއްޔެ ރިޕޯޓް ކޮށްފިއެވެ.

މި ރިޕޯޓް ނެރެފައި ވަނީ ޣައްޒާގައި ހިންގި ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާއި ދެކޮޅަށް ހިންގި ޖަރީމާތަކުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އިސްރާއީލުގެ ކުރީގެ ޑިފެންސް މިނިސްޓަރު ގަލަންޓް ހައްޔަރުކުރުމުގެ އަމުރު 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހޭގްގައި ހުންނަ ކޯޓުން ނެރެފައިވާ ދަނޑިވަޅެއްގައެވެ.

އެ ރިޕޯޓާ ގުޅޭ ގޮތުން އައިސީސީން އަދި މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ. މިކަން ކަށަވަރުވެއްޖެނަމަ، ކޯޓުން ހައްޔަރުކުރުމާއި ކުރިމަތިލާން ޖެހިފައިވާ އިސްރާއީލުގެ އޮފިޝަލުންގެ އަދަދު ހަތަކަށް އަރާނެއެވެ.

އިސްރާއީލު ސިފައިން ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި ހިންގި ޤަތުލުޢާންމުގައި 72000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ. މީގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށާއި 172،000 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްފައިވާ ކަމަށް އދ. އިން ބުނެއެވެ. ޙަމާސް އިން ބުނަނީ ޣައްޒާ އިން 1 ލައްކަ އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށެވެ.

2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހަނގުރާމަ ހުއްޓައިލި ކަމަށް އިޢުލާން ކުރި ފަހުން ވެސް 870 އަށް ވުރެ ގިނަ މީހުން މަރުވެ 2،540 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެ އެވެ.