ބްލެކްމެއިލްކުރުމާއި އޮރިޔާން ކާޑު ހެއްދުމުގެ ކުށް ސާބިތުވި މީހަކު 6 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކޯޓުން ހުކުމްކޮށްފި އެވެ.
މި މައްސަލާގައި ހުކުމްކޮށްފައި ވަނީ ގ. ސައުތުބްރީޒް، އުމުރުން 43 އަހަރުގެ މަރްޔަމް ރިޔާސާގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ ޖިންސީ ކުށުގެ ގާނޫނުގެ ދަށުންނެވެ.
މި މައްސަލައިގެ ޝަރީއަތް ނިންމައި ކޯޓުން ހުކުމް އިއްވާފައިވަނީ 2024 މެއި 3 ވަނަ ދުވަހު އެވެ. މަރްޔަމް ރިޔާސާގެ މައްޗަށް މި ހުކުމް އައީ މައްސަލާގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، ޖިންސީ ކުށުގެ ގާނޫނުގެ 44 ވަނަ މާއްދާއާއި 35 ވަނަ މާއްދާގެ ދަށުން އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމަށްފަހުގަ އެވެ.
މިފަދަ މައްސަލަތަކުގައި ހަރުކަށި ފިޔަވަޅު އެޅުމަކީ ދިވެހިރާއްޖެއަކީ ކުށް މަދު، އަމާން މުޖުތަމައެއް ގާއިމުކުރެވިފައިވާ ތަނަކަށް ހެދުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތުން ހުއްޓުމެއް ނެތި ކުރަމުންދާ މަސައްކަތުގެ ނަތީޖާއަށް އިތުރުވި މުހިންމު ބޮޅެކެވެ.
މިފަދަ ނުރައްކާތެރި ކުށްތައް ހުއްޓުވުމަށްޓަކައި ފުލުހުންގެ ބަދަހި ސަފުތަކުން ކުރަމުންދާ މަސައްކަތަށް، ދައުލަތުގެ އެކި އިދާރާތަކުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.










