އެޓެންޝަން ޑެފިސިޓް ހައިޕަރ އެކްޓިވިޓީ ޑިސްއޯޑަރ (އޭ.ޑީ.އެޗް.ޑީ) ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމުގައި، ފަސްޓްލައިން ޓްރީޓްމަންޓަށް ބޭނުންކުރާ ބޭހުގެ ބާވަތެއްކަމަށްވާ މިތައިލްފެނިޑޭޓް، ޤާނޫނީ އޮނިގަނޑުގެ ތެރެއިން ރާއްޖެއިން ލިބޭނެ އިންތިޒާމު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ހަމަޖައްސަވައިފިއެވެ.
މީގެކުރިން މިބޭހަކީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ރާއްޖެ އެތެރެކުރުން މަނާ ބޭހެކެވެ.


ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ހުށަހަޅުއްވާފައިވާ ލަފަޔާމެދު، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ހުށަހެޅުއްވުމުން، މަޖިލީހުން އެކަމަށް ރުހުން ދެއްވުމަށް ފެނިވަޑައިގަންވާކަމަށް މަޖިލީހުގެ ޖަލްސާއިން ފާސްކުރައްވާފައިވާތީއެވެ.







