އިސްރާއީލުގެ އަނިޔާވެރި ސިފައިން ޝަހީދުކޮށްލާފައިވާ ކަމަށް ބަލައި، އާއިލާއިން 18 މަސް ދުވަސް ވަންދެން ހިތާމަފާޅުކުރަމުންދިޔަ ފަލަސްތީނުގެ ޒުވާނަކު، އިސްރާއީލުގެ ޖަލެއްގައި ދިރިހުރިކަން އެނގިއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުގެ ތެރޭގައެވެ. މީގެ 18 މަސް ކުރިން އިސްރާއީލުގެ ސިފައިން ޣައްޒާއަށް ދިން ހަމަލާއެއްގެ ތެރޭގައި އުމުރުން 25 އަހަރުގެ އީދު ނައިލް އަބޫ ޝާރު ގެއްލުމާއި ގުޅިގެން، އޭނާ ޝަހީދުވީ ކަމަށް ނިންމައި އާއިލާއިން ވަނީ ކަށުނަމާދު ވެސް ކޮށްފައެވެ. ނަމަވެސް، ދާދި ފަހުން އިސްރާއީލުގެ ޖަލަކުން މިނިވަންވި އަސީރަކު ދިން މައުލޫމާތުން، އެ ޒުވާނާ އަދިވެސް ދިރިހުރިކަމާއި، އޭނާ ހުރީ އިސްރާއީލުގެ ޖަލެއްގައި ބަންދުކޮށްފައިކަން ވަނީ ކަށަވަރުވެފައެވެ.
މި ޒުވާނާ ހައްޔަރުކޮށްފައިވަނީ އެއްވެސް ކުށެއް ނެތި، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކަމަށް މައުލޫމާތު ލިބެއެވެ. އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ މެދު ގެންގުޅޭ އަނިޔާވެރި ސިޔާސަތުގެ ދަށުން، އެތައް ބަޔަކު ވަގަށް ނަގައި، އެމީހުންގެ އާއިލާތަކަށް އެއްވެސް މައުލޫމާތެއް ނުދީ ޖަލުތަކުގައި ދަނީ ބަންދުކުރަމުންނެވެ. މިފަދަ އަމަލުތަކަކީ އިންސާނިއްޔަތާ ހިލާފު، އަދި އިސްލާމީ އުންމަތާ ދެކޮޅަށް ހިންގޭ ބޮޑު ޖަރީމާއެކެވެ.
ޒުވާނާގެ އާއިލާއިން ބުނި ގޮތުގައި، އޭނާ ދިރިހުރިކަން އެނގުމުން ލިބުނު އުފަލަށްވުރެ ބޮޑީ، އިސްރާއީލުގެ ޖަލުގައި އޭނާއަށް ލިބެމުންދާނެ ލާއިންސާނީ އަނިޔާތަކާ މެދު ކުރެވޭ ކަންބޮޑުވުމެވެ. އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ އަސީރުންނަށް ކާބޯތަކެއްޗާއި ބޭސްފަރުވާގެ ހިދުމަތުން މަހުރޫމްކޮށް، ނަފްސާނީ އަދި ޖިސްމާނީ ބޮޑެތި އަނިޔާތައް ދެމުންދާ ކަމީ މުޅި ދުނިޔެއަށް އެނގޭ ހަގީގަތެކެވެ.










