އިރާނުގެ އިންޓެލިޖެންސަށް ޖާސޫސުކޮށްދިން ކަމުގެ ތުހުމަތުގައި އިޒްރޭލުގެ ތިން ސިފައިންނާއި އާންމު ރައްޔިތަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
އިޒްރޭލުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ އިރާނުގެ ޖާސޫސީ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ. މި މީހުން އިރާނަށް މަސައްކަތް ކޮށްދޭން ފަށާފައިވަނީ އެމީހުންނަކީ ޅަކުދިންގެ ގޮތުގައި ތިބި ދުވަސްވަރު ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިޒްރޭލުގެ ދާޚިލީ ސަލާމަތީ އިދާރާ 'ޝިން ބެޓް' އާއި ފުލުހުން ބުނެފައިވާ ގޮތުގައި، މި މީހުންގެ މައްޗަށް ކުރެވޭ މައިގަނޑު ތުހުމަތަކީ އިޒްރޭލުގެ ނާޒުކު އަދި ސަލާމަތީ ގޮތުން މުހިންމު ސަރަހައްދުތަކުގެ ފޮޓޯ އާއި ވީޑިއޯ ނަގައި އިރާނަށް ފޯރުކޮށްދިނުމެވެ. މީގެ ތެރޭގައި އިޒްރޭލުގެ އެއަރ ފޯސްގެ ތަމްރީނު މަރުކަޒެއްގެ މައުލޫމާތު ހިމެނޭ ކަމަށާއި، ހައްޔަރުކުރި މީހުންގެ ތެރެއިން ބައެއް މީހުންނަކީ އެ މަރުކަޒުގައި ތައުލީމު ހާސިލުކުރި ބައެއް ކަމަށްވެސް އިދާރާތަކުން ބުނެއެވެ.
އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، މީގެ ތެރެއިން ބައެއް މީހުންނަކީ އެއްވެސް މަޖުބޫރުކަމެއް ނެތި، އަމިއްލަ އިސްނެގުމުގެ މަތިން އިރާނުގެ އެޖެންޓުންނާ ގުޅުން ގާއިމުކުރި ބައެކެވެ.
މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ މިއަހަރުގެ މާޗު މަހުގެ ތެރޭގައި ކަމަށްވީ ނަމަވެސް، އެ ގައުމުގެ އެޓާނީ ޖެނެރަލްގެ އޮފީހުން އެ މީހުންގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލާފައިވަނީ މިއަދުއެވެ.










