7 މެއި 2025 އަކީ އާމާލް ސުބައިހްގެ ޙަޔާތަށް އުފާވެރިކަމާއި އިންތިހާ ދަރަޖައިގެ ހިތާމަ އެއްފަހަރާ ގެނުވި ދުވަހެކެވެ. އެއީ އޭނާގެ ތިންވަނަ ދަރިފުޅު، ކުޑަކުޑަ ސަނާ އުފަންވި ދުވަހެވެ. ނަމަވެސް، އެ ތުއްތު ދަރިފުޅަށް ދުނިޔޭގެ އަލިކަން ފެނުނުތާ އެންމެ ފަސް ގަޑިއިރު ތެރޭގައި، އިސްރާއީލުގެ ރަހުމުކުޑަ ހަމަލާއެއްގައި އޭނާގެ ފިރިމީހާ އަދި ނޫސްވެރިއެއް ކަމަށްވާ ޔަޙްޔާ ސުބައިހް ވަނީ ޝަހީދުކޮށްލާފައެވެ.
އެ ދުވަހުގެ ފަތިހު ހަގަޑި ޖެހިއިރު، ވިހެއުމުގެ ވޭންވަރުގައި އުޅުނު އާމާލް ހޮސްޕިޓަލަށް ގެންދިޔައީ ޔަޙްޔާއެވެ. އިސްރާއީލުން ޣައްޒާއަށް ދެމުންދިޔަ ލާއިންސާނީ ހަމަލާތަކުގެ ނުރައްކާ އޮތް ނަމަވެސް، އެ ދެމަފިރިން ތިބީ އެމީހުންގެ ތިންވަނަ ދަރިފުޅަށް މަރުޙަބާ ކިޔުމަށް ކެތްމަދުވެފައެވެ. ސަނާ އަކީ އެމީހުންގެ ދެ ފިރިހެން ކުދިން ކަމަށްވާ ބަރާއާ އާއި ކީނާންގެ ފުރަތަމަ އަންހެން ކޮއްކޮއެވެ.
އާމާލް ކިޔައިދިން ގޮތުގައި، ކުއްލި ސިޒޭރިއަންއަކަށް ފަހު ސަނާ އުފަންވުމުން ޔަޙްޔާ ހުރީ އިންތިހާއަށް އުފާވެފައެވެ. "އެއީ ވަރަށް ފުރިހަމަ ދުވަހެއްގެ ފެށުމެއް. ޔަޙްޔާ އޭނާގެ ދަރިފުޅު އުރާލައިގެން ހުރެ އެންމެން ގާތުގައި ބުނަމުންދިޔައީ، 'މިއީ އަހަރެންގެ ރީތި ރަނިކަމަނާއޭ' މިހެން،" އާމާލް ބުންޏެވެ. ޔަޙްޔާ ވަނީ ދަރިފުޅުގެ ކަންފަތްދޮށުގައި ބަންގި ގޮވާ، ފޮޓޯ ނަގައި، ޒިޔާރަތްކުރި ތިމާގެ މީހުންނާ އުފާވެރިކަން ހިއްސާކޮށްފައެވެ.
ހޮސްޕިޓަލުން ނުކުންނަމުން ޔަޙްޔާ ބުނީ ގޭގައި ތިބި ދެ ފިރިހެން ކުދިންގެ ހާލު ބަލާލުމަށާއި، ދަރިފުޅަށް ބޭނުންވާ ތަކެތި ހިފައިގެން ވަރަށް އަވަހަށް އެނބުރި އަންނާނެ ކަމަށެވެ. ނަމަވެސް، އެއީ އޭނާ ފެނުނު ފަހު ފަހަރެވެ. ހޮސްޕިޓަލުން ނުކުމެ، ދަރިފުޅު އުފަންވުމުގެ އުފަލުގައި ތިމާގެ މީހުންނަށް ފޮނިކާތަކެތި ބަހަން ހުއްޓާ، އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ޔަޙްޔާ ވަނީ ޝަހީދުވެފައެވެ. އެ ހަމަލާގައި ޖުމްލަ 17 މީހުން މަރުވިއިރު، އޭގެ ތެރޭގައި ޔަޙްޔާގެ ގާތް އެކުވެރިންނާއި ތިމާގެ މީހުން ހިމެނެއެވެ.
މި ހިތާމަވެރި ޚަބަރު އާމާލްއަށް އެނގުނީ އިންޓަރނެޓުންނެވެ. "ނޫސްވެރިޔާ ޔަޙްޔާ ސުބައިހް، އޭނާގެ ދަރިފުޅު އުފަންވިތާ ފަސް ގަޑިއިރު ތެރޭގައި ޝަހީދުކޮށްލައިފި" މި ސުރުޚީ ފެނުމުން އޭނާގެ މުޅި ދުނިޔެ ބަދަލުވެގެންދިޔައެވެ.
ވޭތުވެދިޔަ އެއް އަހަރަކީ އާމާލްގެ ޙަޔާތުގައި އައި އެންމެ ހިތްދަތި އަހަރެވެ. އޭނާގެ ބޭބެއާއި، ދައްތައާއި، އެމީހުންގެ ދަރިންވެސް ވަނީ މި ހަނގުރާމައިގައި ޝަހީދުވެފައެވެ. މިހާރު އާމާލް މަސައްކަތް ކުރަމުންދަނީ ޔަޙްޔާ މަސައްކަތް ކުރި މީޑިއާ ކުންފުނީގައެވެ. އެއީ އޭނާގެ ފިރިމީހާގެ ޒިކުރާ އާލާކޮށް، ތިން ދަރިންގެ މުސްތަޤްބަލަށްޓަކައެވެ.
މިއަދު ސަނާއަށް އެއް އަހަރު ފުރުނުއިރު، އާމާލް ވަނީ ކުޑަ ކޭކަކާއެކު އެދުވަސް ފާހަގަކޮށްފައެވެ. އޭނާ ބުނީ ސަނާގެ ސޫރައިންނާއި ހިނިތުންވުމުން ފެންނަނީ ޔަޙްޔާ ކަމަށެވެ. "ސަނާގެ އެއްވެސް ކުށެއް ނެތް. ޔަޙްޔާ ދުނިޔޭގައި ހުރިނަމަ މިއަދު ވަރަށް ކުލަގަދަކޮށް މި ދުވަސް ފާހަގަކުރާނެ،" އާމާލް ރޮމުން ކިޔައިދިނެވެ.
މިއީ އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުގެ ތެރެއިން ފެނިގެންދާ އެތައް ހާސް ހިތްދަތި ވާހަކަތަކުގެ ތެރެއިން އެއް ވާހަކައެވެ.










