ހައްދުފަހަނަ އެޅި އިސްރާއީލުން ލުބުނާނަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި 16 މީހުން ޝަހީދުވެ، 21 މީހަކު ޒަޚަމްވެއްޖެއެވެ. މި ހަމަލާތަކުގައި ލުބުނާނުގެ އާންމު ހިދުމަތްތައް ދޭ ތަންތަނަށާއި ތައުލީމީ މަރުކަޒަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މި ހަމަލާތައް އަމާޒުވެފައިވަނީ ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށާއި ބައެއް އަަވަށްތަކަށެވެ. މީގެ ތެރެއިން އެންމެ ހިތާމަވެރި އެއް ހާދިސާއަކީ އާންމުން ދިރިއުޅޭ ސަރަހައްދެއްގައި ހުރި ސްކޫލަކަށް އިސްރާއީލުގެ މިސައިލްތައް އަމާޒުވުމެވެ. މީގެ ސަބަބުން ސްކޫލްގެ ބޮޑު ބައެއް ސުންނާފަތިވެ، އެ ވަގުތު އެތަނުގައި ތިބި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.
ލުބުނާނުގެ ސިއްހީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ޝަހީދުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެއެވެ. އަދި ޒަޚަމްވި މީހުންނަށް ކައިރި ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މީގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެއެވެ.
ލުބުނާނުގެ ޕަބްލިކް ހެލްތު މިނިސްޓްރީއާއި ބައިނަލްއަގްވާމީ މީޑިއާތަކުން އާންމުކުރި ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މާޗް މަހުން ފެށިގެން ދިން ހަމަލާތަކުގައި 2،700 އަށް ވުރެ ގިނަ މީހުން މަރުވެ 8،300 އަށް ވުރެ ގިނަ މީހުން ޒަޚަމް ވެފައި ވެއެވެ.










