އެމެރިކާގެ ފެޑަރަލް އިމިގްރޭޝަން އޮފިސަރުންގެ އަތުން މަރުވި އެލެކްސް ޕްރެޓީގެ ހަނދާނުގައި ބޭއްވި އެއްވުންތަކުގައި ބައިވެރިވި ޑިޕާޓްމަންޓް އޮފް ވެޓަރަންސް އެފެއާޒް (ވީއޭ) ގެ މުވައްޒަފުންގެ މައްސަލަ އެ އިދާރާއިން ތަހުގީގު ކުރަން ފަށައިފި އެވެ.
މިދިޔަ ޖެނުއަރީ މަހު މިނިއާޕޮލިސްގައި ހިނގި ހާދިސާއެއްގައި ޕްރެޓީ މަރުވުމާ ގުޅިގެން، އޭނާއަށް އިޙުތިރާމް އަދާކުރުމަށާއި އެ ހާދިސާއާ ދެކޮޅަށް އަޑުއުފުލުމަށް ވީއޭގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ އެމެރިކާގެ އެކި ސަރަހައްދުތަކުގައި ހަނދާނީ އެއްވުންތައް ބާއްވާފަ އެވެ.
މި މައްސަލާގައި ތަހުގީގު ކުރިމަތިވެފައިވާ އެކަކީ ޖޯޖިއާގެ ޗާލީ ނޯވުޑް ވީއޭ މެޑިކަލް ސެންޓަރުގެ ރެކްރިއޭޝަނަލް ތެރަޕިސްޓެއް އަދި ޔޫނިއަން ލީޑަރެއް ކަމަށްވާ ބެކީ ހަލިއުއާ އެވެ. އޭނާ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ތިމާ މަސައްކަތްކުރާ ސަރުކާރުގެ އަތުން އެކުގައި މަސައްކަތްކުރާ މުވައްޒަފަކު މަރުވުމަކީ ބިރުވެރި ކަމެއް ކަމަށެވެ.
ނަމަވެސް، މީޑިއާއަށް މައުލޫމާތު ދިނުމުގައި އިދާރާގެ އުސޫލުތަކާ ހިލާފުވެފައިވޭތޯ ބެލުމަށް ވީއޭ އިން މިހާރު ވަނީ އޭނާގެ މައްސަލަ ބަލަން ފަށާފަ އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ހަލިއުއާގެ އިތުރުން މަދުވެގެން އެހެން ތިން މުވައްޒަފެއްގެ މައްސަލަވެސް މިފަދަ ކަންކަމާ ގުޅިގެން ދަނީ ބަލަމުންނެވެ.
ހަލިއުއާ ބުނި ގޮތުގައި، ތަހުގީގު ކުރާ ފަރާތްތަކުން ވަނީ އެއްވުމުގެ ތެރެއިން އޭނާ ފެންނަ ފޮޓޯތަކެއް އޭނާއަށް އީމެއިލް ކޮށްފަ އެވެ. އެ ފޮޓޯތަކުގައި އޭނާގެ މޫނު ވަށައިގެން ރޮނގުދަމައި ފާހަގަކޮށްފައި ހުރުމުން، އެއީ ބިރުދެއްކުމުގެ އަމަލެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.
ވީއޭގެ ޕްރެސް ސެކްރެޓަރީ ކުއިން ސްލޭވަން މިކަމާ ގުޅޭގޮތުން ވިދާޅުވީ، މުވައްޒަފުންގެ އަމިއްލަ މައުލޫމާތު ރައްކާތެރިކުރުމުގެ ގާނޫނުތައް އޮންނަ ގޮތުން ވަކިވަކި މުވައްޒަފުންގެ މައްސަލަތަކާ ގުޅޭގޮތުން ވާހަކަ ދެއްކެން ނެތް ކަމަށެވެ. ނަމަވެސް، ވީއޭގެ އުސޫލުތައް ބުނާގޮތުން ރަސްމީ ހައިސިއްޔަތުން ވާހަކަދެއްކުމުގެ ހުއްދަ ނެތް މުވައްޒަފުން މީޑިއާއަށް މަޢުލޫމާތު ދޭންވާނީ އަމިއްލަ ހައިސިއްޔަތުންކަން ސާފުކޮށްދީގެންނެވެ.
މި ހާދިސާއަކީ އެމެރިކާގެ އިމިގްރޭޝަން ގާނޫނުތައް ތަންފީޒުކުރުމާ މެދު ބޮޑެތި ބަހުސްތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައި ހިނގި ކަމެކެވެ. އެލެކްސް ޕްރެޓީ އާއި ރެނީ ގުޑް މަރުވުމާ ގުޅިގެން ހޯމްލޭންޑް ސެކިއުރިޓީން އެމީހުންނަކީ "ޓެރަރިސްޓުން" ކަމަށް ބުނުމުން ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފަ އެވެ.
ހަލިއުއާ ގަބޫލުކުރާ ގޮތުގައި މި ތަހުގީގަކީ އޭނާ ޔޫނިއަން ލީޑަރަކަށް ވެފައި، މީގެ ކުރިން އިސްވެރިންގެ މައްސަލަތައް ބަލާފައިވާތީ، އޭނާގެ އަޑު ކަނޑުވާލުމަށް ކުރާ ކަމެކެވެ. އޭނާ ބުނީ އެއްވުމުގައި ބައިވެރިވީ އޮފީސް ގަޑިން ބޭރުގައި، އޮފީސް ތަނުން ބޭރުގައި އަދި ވީއޭގެ އެއްވެސް ނިޝާނެއް ބޭނުންނުކޮށް ކަމަށެވެ. ނަމަވެސް ވީއޭގެ ތަހުގީގުން ނިންމާފައިވަނީ އޭނާ އުސޫލާ ހިލާފުވެފައިވާ ކަމަށެވެ.
މި މައްސަލާގައި މުވައްޒަފުންގެ ފަރާތުން ވަކާލާތުކުރާ ޔޫނިއަންތަކުން ބުނަމުންދަނީ، މިއީ މުވައްޒަފުންގެ ދުސްތޫރީ ހައްގުތަކަށް އަރައިގަތުން ކަމަށާއި، މިފަދަ ބިރުދެއްކުންތަކުން މުވައްޒަފުންގެ އަޑު ކަނޑުވާނުލެވޭނެ ކަމަށެވެ.










