މިއަދުން ފެށިގެން އީރާނުގެ ހުރިހާ ބަނދަރުތަކެއް ބަންދުކުރާނެ ކަމަށް އެމެރިކާއިން އިންޒާރުދީފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑްނޓްރަމްޕް ވަނީ މިއަދު (ރާއްޖޭގެ ގަޑިން އިރުއޮއްސި 7 ޖެހުމާއި އެކު) އީރާނުގެ ހުރިހާ ކަނޑުގެ ބަނދަރުތަކެއް ބަންދުކުރަން އެމެރިކާގެ އަސްކަރިއްޔާ އަށް އަންގާފައި ކަމަށް މަސްދަރުތައް ބުނެއެވެ.

އަލްޖަޒީރާ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ މި ނިންމުމަކީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ އަސްކަރީ އަދި ސިޔާސީ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި އީރާނުގެ އިޤްތިޞާދު ފުނޑާލަން އެމެރިކާ އިން ނިންމި ނިންމުމެކެވެ. މި "ބްލޮކޭޑް" ނުވަތަ ބަނދަރުތައް ހިސާރުކުރުމުގެ ސަބަބުން، އީރާނުގެ އެއްވެސް ބަނދަރަކަށް އުޅަނދުފަހަރު ވަނުމާއި ނިކުތުން އެމެރިކާގެ އަސްކަރިއްޔާއިން ހުއްޓުވާނެއެވެ.

ޓްރަމްޕު އުއްމީދު ކުރަނީ އީރާނުން ތެޔޮ ގަތުމުގެ ބަދަލުގައި ދުނިޔޭގެ ތެޔޮ ކުންފުނިތަކުން އެމެރިކާގެ ތެޔޮ ގަތުމަށް މިސްރާބު ޖަހާނެ ކަމަށެވެ.