އެމެރިކާގެ އަސްކަރީ އެއްވެސް އުޅަނދަކަށް އީރާނު ސަރަޙައްދަށް ނުވަދެވޭނެ ކަމަށާއި ހުރްމުޒް ކަނޑު އޮޅި ހުރަސް ކުރެވޭނީ ހަމައެކަނި މަދަނީ ފަރާތްތަކަށް ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އާއި ޙަވާލާދީ އެ ޤައުމުގެ ރަސްމީ ޓީވީން ބުނެފިއެވެ. އަދި އެއީ ވެސް އީރާނުން ޗެކު ކުރުމަށް ފަހު ހުއްދަ ދީގެން ކަމަށާއި، އެމެރިކާގެ އަސްކަރީ އުޅަނދެއް އެ ތަނުން ދަތުރު ކޮށްފި ނަމަ ޙަމަލާ ދޭނެ ކަމަށް ވެސް އައިއާރްޖީސީ އާއި ޙަވާލާދީ އީރާނުގެ ރަސްމީ ޓީވީން ބުންޏެވެ.
އީރާނުން މިހެން މި ބުުނީ އިސްލާމް އާބާދުން އިސްނަގައިގެން ބޭއްވި ނާކާމިޔާބު މަޝްވަރާ ބައްދަލުވުމަށް ފަހުގައެވެ.
އިއްޔެގެ ބައްދަލުވުން ފެށުމުގެ ކުރިން ވެސް އީރާނުން ވަރަށް ސާފުކޮށް ބުނެފައި ވަނީ ޢާންމު ޙާލަތަށް ހުރްމުޒް ގެނެވޭނީ ލުބުނާނު ހަނގުރާމަ އެމެރިކާ އިން ހުއްޓުވައި، އީރާނުގެ ނިއުކްލިއާ މަޝްރޫޢާއި ވެސް ރުހި ޤަބޫލުވެ، ފްރީޒް ކޮށްފައިވާ އީރާނުގެ އެސެޓްސްތައް ވެސް ދޫކޮށްލުމާއި އަދި މެދުއިރުމަތިން އެމެރިކާގެ އަސްކަރީ ފޯސްތައް ފެޔަށް ޖެއްސުމުންނެވެ. މީގެ އިތުރުން ވެސް ހަރުކަށި ޝަރުޠުތަކެއް އީރާނުން ހުށަހަޅާފައި ވެއެވެ.
މި ޝަރުޠުތައް އެމެރިކާ އިން ބަލައެއް ނުގަތެވެ.










