ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސައޫދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފި އެވެ.
އުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސައޫދީ އަރަބިއްޔާއަށް ފުރާވަޑައިގަތީ އޭޕްރީލް މަހުގެ 6 ވަނަ ދުވަހު އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅުގެ ހުރިހާ ހަރަދެއް ހަމަޖައްސަވައިދެއްވާފައިވަނީ ސައޫދީ އަރަބިއްޔާގެ ސަރުކާރުންނެވެ.
ސައޫދީ ސަރުކާރުން ރައީސްގެ ދެކަނބަލުންނަށް ދެއްވި މި ފުރުސަތަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެކެވެ.










