
އީރާނުގެ މަޖިލިސް ރައީސް މުހައްމަދު ބާޤިރު ޣަލިބާފާއި ފޮރިން މިނިސްޓަރު އައްބާސް އަރާޣޗީގެ ވަފުދަށް ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް އާސިމް މުނީރާއި ފޮރިން މިނިސްޓަރު މުޙައްމަދު އިސްޙާޤް އިސްލާމްއާބާދުން މަރްޙަބާ ދަންނަވަނީ / ފޮޓޯ: އަލްޖަޒީރާ
ހުރްމުޒް ކަނޑުއޮޅި ހުޅުވައި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޕާކިސްތާނު މެދުވެރިވެ އެމެރިކާ އާއި އީރާނުން ކުރިޔަށްދާ މަތީފެންވަރުގެ މަޝްވަރާ އަށް އީރާނުން ވަޑައިގެންނެވި ވަފުދުގައި 71 މަންދޫބުން ހިމެނޭ ކަމަށާއި، މަޝްވަރާތައް ފަށާނީ އީރާނުގެ ޝަރުޠަށް އެމެރިކާ އިން އާނއެކޭ ބުނުމުުން ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާ އިން ބުނެފިއެވެ.
އީރާނުގެ ވަފުދަށް ވައިގެމަގުން ޙިމާޔަތް ދީގެން އިސްލާމްއާބާދަށް ގެންގޮސްދިނީ ޕާކިސްތާނުގެ އަސްކަރިއްޔާއިންނެވެ.
އީރާނުގެ ތަސްނީމް އިން ބުނާ ގޮތުގައި މަޝްވަރާ ކުރުމަށް މިއަދު އިސްލާމްއާބާދުގައި ތާވަލު ކޮށްފައި ވީ ނަމަވެސް، ތެހެރާނުން ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަ ވެގެން ނޫނީ މަޝްވަރާ ނުވެސް ފަށާނެއެވެ.
މި މަޝްވަރާ އަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާގެ ނައިބު ޖޭޑީ ވެންސް ވެސް އިސްލާމް އާބާދަށް ފޮނުވާފައެވެ.










