ޔުގަންޑާގެ ޗީފް އޮފް ޑިފެންސް މުހޫޒީ ކައިނެރޫގާބާ

އިޒުރޭލާއި ބައިވެރިވެ އީރާނު ފުނޑާލަން ތައްޔާރު ކަމަށް ޔުގަންޑާގެ ޗީފް އޮފް ޑިފެންސް މުހޫޒީ ކައިނެރޫގާބާ ބުނެފިއެވެ.

އޭނާ ބުނީ އިސްރާއީލު ނައްތާލުމަށް ކުރާ ކޮންމެ މަސައްކަތެއްގައި އެ ބަޔަކާއި ދެކޮޅަށް ޔުގަންޑާގެ އަސްކަރިއްޔާ އޮތީ ނުކުންނަން ތައްޔާރަށް ކަމަށެވެ.

ސޯޝަލްމީޑިއާގައި ކައިނެރޫގާބާ ބުނީ ޔުގަންޑާ އޮތީ އިސްރާއީލުގެ ފަޅީގައި ކަމަށާއި، އިސްރާއީލުން އެހީއަށް އެދިއްޖެ ނަމަ ޔުގަންޑާގެ ހަތިޔާރު އެޅި ސިފައިން އީރާނާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި ބައިވެރިވާން ތައްޔާރަށް ތިބި ކަމަށެވެ.

ޔުގަންޑާ އިން މިހެން ބުނި ކަމުގައި ވިޔަސް، ފާހަގަ ކޮށްލަން ޖެހޭ ކަމަކީ އެ ޤައުމަކީ މެދުއިރުމައްޗާއި އެތައް ހާސް ކިލޯމީޓަރެއްގެ ދުރުގައި އޮތް ޤައުމެކެވެ.

އިސްރާއީލާއި ޔޫގަންޑާ އަކީ 1980 ގެ އަހަރުތަކުން ފެށިގެން އަސްކަރީ ގޮތުން ގާތް ދެޤައުމެވެ.