އޯޓިޒަމް ހުންނަ ކުދިންނަށްވެސް މުޖުތަމައުގައި ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް މަސައްކަތްކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ އޯޓިޒަމާމެދު އާންމުން ހޭލުންތެރިކުރުވުމުގެ ދުވަހުގެ (ވޯލްޑް އޯޓިޒަމް އެވެއާނެސް ޑޭ) މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮންމެ މީހަކީވެސް އެމީހަކަށް ބޭނުންވާ އަޅާލުމާއި، އިހުތިރާމާއި، އުނގެނުމާއި ކުރިއެރުމުގެ ހަމަހަމަ ފުރުސަތުތައް ލިބެންޖެހޭނެ މީހެއްކަމަށެވެ. އަދި މުޖުތަމައުގެ ހުރިހާ ދާއިރާއެއްގައި ފުރިހަމައަށް ބައިވެރިވުމުގެ ފުރުސަތު އެފަރާތްތަކަށް އޮންނަންޖެހޭނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ގޭތެރެއާއި ސްކޫލްތަކުން ފެށިގެން މަސައްކަތުގެ މާހައުލާއި އާންމު ތަންތަނާ ހަމައަށް، އެންމެން ބައިވެރިކުރުމުގެ ސަގާފަތެއް އުފެދިގެންދަނީ ހޭލުންތެރިކަމާއި، އޯގާތެރިކަމާއި، އަދި މާނަހުރި މަސައްކަތްތަކެއް ކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، އޯޓިޒަމް ހުންނަ ކުދިންނަށް އެންމެ ތުއްތު އިރުން ފެށިގެން ދޭންޖެހޭ ފަރުވާ ނުވަތަ އާލީ އިންޓަވެންޝަން ހަރުދަނާ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދިނުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، އެފަރާތްތަކުގެ ހުނަރުތައް ތަރައްޤީކޮށް، އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ހަމައެކަނި އެ ފަރުދުންނަށް ލިބޭ ކުރިއެރުމެއް ނޫން ކަމަށާއި، އެއީ މުޅި ގައުމުގެ އިޖުތިމާއީ އޮނިގަނޑު ވަރުގަދަވެގެންދާނެ ކަމެއް ކަމަށެވެ. ސަރުކާރުން މިހާރުވެސް ސްކޫލްތަކުގެ އިންކްލޫސިވް އެޑިއުކޭޝަން އޮނިގަނޑު ވަރުގަދަކުރުމަށާއި، މަސައްކަތްތެރިކަމުގެ ތަމްރީނުތައް ފުޅާކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
ކޮންމެ މީހަކީވެސް އިހުތިރާމާއި، މަގުސަދެއް އޮތް، އަދި މުޖުތަމައުގެ ބައެއްގެ ގޮތުގައި އިހުސާސްކުރެވޭނެ ފަދަ ދިރިއުޅުމެއް އުޅުމުގެ ފުރުސަތު އޮތް މީހަކަށް ހެދުމަށްޓަކައި، ކަރާމާތާއި ހަމަހަމަ ފުރުސަތުތަކަށް ވަކާލާތުކުރުމުގައި ދެމިތިބުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ. މިއަހަރުގެ އޯޓިޒަމް ދުވަހުގެ ޝިއާރަކީ "އޯޓިޒަމް އަދި އިންސާނިއްޔަތު - ކޮންމެ ފުރާނައަކީވެސް އަގުހުރި އެއްޗެއް" މިއެވެ.
2007 ވަނަ އަހަރު އދ. ގެ އާންމު މަޖިލީހުން އޭޕްރީލް މަހުގެ 2 ވަނަ ދުވަހަކީ ދުނިޔޭގެ އޯޓިޒަމް ހޭލުންތެރިކަމުގެ ދުވަހުގެ ގޮތުގައި ކަނޑައެޅި ފަހުން، އޯޓިޒަމް ހުންނަ ފަރާތްތަކުގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަން ފުރިހަމައަށް ހޯދައިދިނުމަށް ދުނިޔޭގެ ފެންވަރުގައި ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެ.










