ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ގާއިމްކޮށްފައިވާ 704 ފްލެޓް މަރާމާތުކޮށް ބެލެހެއްޓުމުގެ އެންމެހާ ޒިންމާތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ރަސްމީކޮށް ހަވާލުކޮށްފި އެވެ.
މި މަސައްކަތް އެޗްޑީސީއާ ހަވާލުކޮށްފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ހައުސިން އިންފްރާސްޓްރަކްޗާ އާއި އެ ކޯޕަރޭޝަނާ ދެމެދު 2024 ވަނަ އަހަރުގެ މާޗު މަހު ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން، ފްލެޓުތަކުގެ އާބާތުރަ ފިލުވުމާއި، މަރާމާތު ކުރުމުގެ އަމަލީ މަސައްކަތްތައް އެޗްޑީސީން މިހާރު ވަނީ ފަށާފަ އެވެ.
އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، 704 ފްލެޓުގެ މެއިންޓެނެންސް މަސައްކަތްތައް އެ ކޯޕަރޭޝަނާ ހަވާލުކުރުމާ ގުޅިގެން، އެ ތަންތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ މަރާމާތުގެ އެކި މައްސަލަތައް ހައްލުކުރުމަށް އެޗްޑީސީއާ ގުޅިގެން މަސައްކަތް ކުރުމަށް އެދޭ ކަމަށެވެ. މީގެ ބޭނުމަކީ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމާއި، އިމާރާތްތައް އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓުމެވެ.
މި ބަދަލާއެކު، މިއަދުން ފެށިގެން އެ ފްލެޓުތަކުގެ މެއިންޓެނެންސްއާ ގުޅޭ އެންމެހާ ކަންކަމުގައި މުއާމަލާތް ކުރަންޖެހޭނީ އެޗްޑީސީއާ އެވެ. މި ސަރުކާރުން އަންނަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ހަދާފައިވާ އިމާރާތްތަކުގެ ފެންވަރު ދަމަހައްޓައި، ރައްޔިތުންނަށް ދެވޭ ހިދުމަތްތައް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.









