ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި ރޭ ޗެލްސީގެ މައްޗަށް ކުރިހޯދައި، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މި މެޗު ޕީއެސްޖީން ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ. ދެ މެޗުގެ އެގްރިގޭޓަކީ 2-8 ގެ ނަތީޖާއިންނެވެ. މެޗުގެ ކުރީކޮޅު، ހަވަނަ މިނެޓުގައި ޕީއެސްޖީއަށް ލީޑު ނަގައިދިނީ އެ ޓީމުގެ ތަރި ކްވިޗާ ކްވަރަޓްސްކޭލިއާ އެވެ. މިއީ މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ ފަހު 10 މިނެޓުގައި ދެ ލަނޑު ޖެހި ކުޅުންތެރިޔާ މި ސީލްސީލާގައި ކާމިޔާބުކުރި ތިންވަނަ ލަނޑެވެ.
ޕީއެސްޖީގެ ދެވަނަ ލަނޑު މެޗުގެ 15 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޑްލީ ބާކޯލާ އެވެ. ބާކޯލާ އަކީ ޕެރިހުގައި ކުޅުނު ފުރަތަމަ ލެގުގެ 5-2 ގެ މޮޅުގައިވެސް ލަނޑު ޖެހި ކުޅުންތެރިއެކެވެ. ޕީއެސްޖީގެ ފަހު ލަނޑު މެޗުގެ ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސެނީ މަޔޫލޫ އެވެ. މަޔޫލޫ އަކީ މިދިޔަ އަހަރުގެ ފައިނަލުގައި އިންޓަ މިލާން 5-0 އިން ބަލިކޮށް ޕީއެސްޖީން ތަށި އުފުލާލި މެޗުގައިވެސް ލަނޑު ޖެހި ކުޅުންތެރިއެކެވެ.
މި މުބާރާތުގެ އެހެން މެޗުތަކަށް ބަލާއިރު، ޕޯޗުގަލްގެ ސްޕޯޓިންގް ލިޒްބަން ވަނީ ބޯޑޯ/ގްލިމްޓް 5-0 އިން ބަލިކޮށް، އެގްރިގޭޓް 5-3 ގެ ނަތީޖާއަކުން ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. މީގެ އިތުރުން ރެއާލް މެޑްރިޑުން މެންޗެސްޓަރ ސިޓީ ބަލިކުރިއިރު، އާސެނަލް ވަނީ ބަޔާ ލެވަކޫސަންގެ މައްޗަށް ކުރިހޯދައި މުބާރާތުގެ ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނިފައެވެ.










