ޖެފްރީ އެޕްސްޓައިން އޭނާގެ ޖިންސީ ޝިކާރައަކަށް ހެދުމަށްޓަކައި ކުޑަކުދިންނާއި ޒުވާން އަންހެން ކުދިން ހޯދުމުގައި، މޮޑެލިން އެޖެންޓެއްގެ އެހީތެރިކަން ވަރަށް ބޮޑަށް ހޯދާފައިވާކަން ތަހުގީގުތަކުން ހާމަވެއްޖެ އެވެ. މި މުޑުދާރު އަމަލު ހިންގުމުގައި އެޕްސްޓައިންއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ ފްރާންސްގެ މަޝްހޫރު މޮޑެލިން އެޖެންޓެއް ކަމަށްވާ ޜޯން-ލޫކް ބްރުނެލް އެވެ.
ޜޯން-ލޫކް ބްރުނެލްއަކީ "އެމްސީ2 މޮޑެލް މެނޭޖްމަންޓް" ގެ ބާނީއެވެ. އޭނާ ވަނީ މޮޑެލިން ދާއިރާގައި ކުރިއަށްދާން ބޭނުންވާ ޅަފުރާގެ އަންހެން ކުދިންނަށް ބޮޑެތި ފުރުސަތުތަކެއް ހޯދައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން، އެ ކުދިން އެޕްސްޓައިންއާ ބައްދަލުކުރުވައި، ޖިންސީ ގޯނާގެ ޝިކާރައަކަށް ހަދާފަ އެވެ. މިކަންކަން މައިގަނޑު ގޮތެއްގައި ހިނގާފައިވަނީ އެމެރިކާގެ ނިއުޔޯކާއި ފްލޮރިޑާގެ އިތުރުން، ކެރީބިއަން ކަނޑުގައި އޮންނަ އެޕްސްޓައިންގެ އަމިއްލަ ރަށުގަ އެވެ.
މި މައްސަލައިގެ ތަހުގީގުތަކުން އެނގޭ ގޮތުގައި، ބްރުނެލް ވަނީ އެޕްސްޓައިންއަށް އަންހެން ކުދިން "ސަޕްލައި" ކޮށްދިނުމުގެ ބަދަލެއްގެ ގޮތުން އެތައް މިލިއަން ޑޮލަރެއްގެ މާލީ އެހީތެރިކަން ހޯދާފަ އެވެ. އަދި މޮޑެލިން އެޖެންސީއަކީ މި ޖަރީމާ ހިންގުމަށް ބޭނުންކުރި "ފާލަމެއް" ކަމަށް މިހާރު ކުރިއަށްދާ ޝަރީއަތްތަކުގެ ލިޔެކިޔުންތަކުން ސާފުވެ އެވެ.
އުމުރުން 66 އަހަރުގެ އެޕްސްޓައިން، ޖިންސީ ގޯނާގެ މައްސަލަތަކުގައި ޖަލުގައި ބަންދުކޮށްފައި ވަނިކޮށް 2019 ވަނަ އަހަރު އަމިއްލައަށް މަރުވެފައިވާއިރު، އޭނާއަށް އެހީތެރިވި ބްރުނެލް ވެސް ވަނީ 2022 ވަނަ އަހަރު ފްރާންސްގެ ޖަލެއްގައި އަމިއްލައަށް މަރުވެފަ އެވެ.
ނަމަވެސް، މި ވިއުގައިގެ ސަބަބުން އަނިޔާ ލިބުނު އެތައް އަންހެނުންނެއް މިހާރު ވެސް އަންނަނީ އެ މީހުންގެ ހައްގުތަކަށްޓަކައި ކޯޓުތަކުގައި ވަކާލާތު ކުރަމުންނެވެ.










