ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، ސްޕެއިންގެ ކްލަބެއް ކަމަށްވާ ޔޫޑީ އަލްމީރިއާގެ 25 އިންސައްތަ ހިއްސާ ގަނެފި އެވެ.
މިކަމާ ގުޅޭގޮތުން ރޮނާލްޑޯ ބުނީ، ދަނޑުމަތީގައި ކުޅުންތެރިއެއްގެ ގޮތުގައި ކުރާ މަސައްކަތުގެ އިތުރުން، ފުޓްބޯޅައިގެ ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އޭނާ ވަރަށް ކުރިއްސުރެ ދެކެމުން އައި ހުވަފެނެއް ކަމަށެވެ.
"ޔޫޑީ އަލްމީރިއާއަކީ ވަރުގަދަ ބިންގަލެއްގެ މައްޗަށް ބިނާވެފައިވާ އަދި ކުރިއަށް ދިއުމުގެ ފުރުސަތު އޮތް ސްޕެއިންގެ ކްލަބެއް. އަޅުގަނޑު މިހުރީ ކްލަބުގެ މެނޭޖްމަންޓާ ގުޅިގެން، ކްލަބު ކުރިއަށް އޮތް މަރުހަލާތަކަށް ގެންދިއުމަށް އެހީތެރިވެދޭން ތައްޔާރަށް،" ރޮނާލްޑޯ ބުންޏެވެ.
މި އިންވެސްޓްމަންޓާއެކު ރޮނާލްޑޯ ވެގެންދާނީ ކްލަބުގެ ހިންގުމުގައި މުހިންމު ދައުރެއް އަދާކުރާނެ ހިއްސާދާރަކަށެވެ. މިއީ އޭނާ ފުޓްބޯޅަ ކުޅުން ހުއްޓާލުމަށްފަހު، މި ދާއިރާގައި ވިޔަފާރީގެ ގޮތުން ކުރިއަށް ދިއުމަށް އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
ޔޫޑީ އަލްމީރިއާއަކީ ސްޕެއިންގެ ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ކްލަބަކަށްވާއިރު، ރޮނާލްޑޯ ފަދަ ނުފޫޒުގަދަ ތަރިއަކު ކްލަބުގެ ހިއްސާދާރަކަށް ވުމާއެކު، އެ ކްލަބަށް ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑު ސަމާލުކަމެއް ލިބިގެންދާނެއެވެ. މިއީ ރޮނާލްޑޯ ސްޕެއިންގެ ކްލަބަކަށް ކުރި ފުރަތަމަ ބޮޑު އިންވެސްޓްމަންޓެވެ.
ސްޕެއިންގެ މި ކްލަބުގެ ހިއްސާ ރޮނާލްޑޯ ގަތުމާ ގުޅިގެން، ކްލަބުގެ ކުރިމަގަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ.










