ހިޖުރަވެރިންނާއެކު ދަތުރުކުރި ބޯޓެއް ގްރީސް ކައިރިޔަށް ބަންޑުންވެ 25 މީހުން މަރުވެއްޖެ ކަމަށް އިތުބާރު ހުރި މަސްދަރަކުން ކަށަވަރު ކޮށްފިއެވެ.
ގްރީސްގެ ޖަޒީރާއެއް ކަމަށްވާ ކްރީޓްގެ ދެކުނުގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރި ލަކުޑި ބޯޓު ބަންޑުން ޖަހައިލި ހާދިސާ ހިނގާފައިވަނީ އެ ޖަޒީރާގެ އައްސޭރިފަށުގައި އޮންނަ ކަލާ ލިމެނާގެ ދެކުނުން ގާތްގަނޑަކަށް 15 ނޯޓިކަލް މޭލު ބޭރުން ކަމަށް ގްރީސްގެ ކޯސްޓްގާޑުން ބުނެއެވެ.
ގްރީސްގެ ގައުމީ ޗެނަލުން ބުނީ މި ހާދިސާ ހިނގާފައި ވަނީ އެ އުޅަނދާއި ކައިރި ކުރުމަށް ގްރީސް އިން ދިޔަ ސާޗް އެންޑް ރެސްކިއު ސެންޓަރުގެ ދެ އުޅަނދުގެ ތެރެއިން އެއް އުޅަނދު އެއާއި ކައިރިކުރި ވަގުތު، ބޯޓުން ތިރިކޮށްފައިވާ ސިޑިއަކަށް ފަސިންޖަރުން އަރަން އުޅުމުން، ގިނަ ބަޔަކު އެއްފަހަރާ އެއްކޮޅަށް އެރުމުން ބަންޑުން ވެގެންނެވެ.
ސަލާމަތްވި މީހުން ސަލާމަތީ ފަރާތްތަކުން ބުނި ގޮތުގައި ގާތްގަނޑަކަށް 50 މީހުން ބޯޓުގައި ތިބި ކަމަށާއި މަރުވި މީހުންގެ އަދަދު އިތުރުވެދާނެއެވެ.
މި އުޅަނދުން ހެއްލުނު މީހުން ހޯދުމަށް ކޯސްޓްގާޑުގެ ބޯޓުތަކާއި ހެލިކޮޕްޓަރަކާއި އަސްކަރީ މަތިންދާބޯޓެއް ދަނީ ހަރަކާތްތެރިވަމުންނެވެ.
ޔޫރަޕްގެ އިރުދެކުނުން އޮންނަ ގްރީސް އަކީ ކަނޑު މަގުން ޔޫރަޕިއަން ޔޫނިއަންއަށް ވާސިލްވާން މަސައްކަތްކުރާ ހިޖުރަވެރިންނާއި ރެފިއުޖީންގެ އެންޓްރީ ޕޮއިންޓެކެވެ.










