ރޭ ޑިމޮކްރެޓިކް ނޭޝަނަލް ކޮންވެންޝަންގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ކީރިތިކުރައްވައިފިއެވެ.
އެމެރިކާގެ ކޮމާންޑަރ އިން ޗީފްގެ މަގާމުގައި ދެއްވި އެންމެ ފަހުގެ މި ތަގުރީރުގައި، ޕަބްލިކް ސާވިސްގައި 50 އަހަރުގެ ކެރިއަރާއި ރިޔާސީ ދައުރުގައި ހޯދި ކުރިއެރުންތަކާ ވިސްނަވާ އުމުރުން 81 އަހަރުގެ ބައިޑަން ވަނީ ކީރިތިކުރައްވާ އޭނާގެ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށް، "ޑިމޮކްރަސީ ކުރިއަރާފައިވާ" ކަމަށް ބުނެފަ އެވެ.
މުސްކުޅިފުޅު އުމުރުގެ ސަބަބުން ހަނދާން ނެތުމާއި ފައިގެ މަސްތަކުގައި ބާރު ނެތުމުގެ ސަބަބުން ގިނަފަހަރު ސިޑިންނާއި ގޮނޑިން އަދި ހިންގަވާއިރު ސްޓޭޖް މައްޗަށްވެސް ވެއްޓިވަޑައިގަންނަވާ ބައިޑަން ވިދާލުވީ އޭނާގެ ގޯސްތައް ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް އޭނާގެ "ހިތާއި ފުރާނަ" ގައުމަށް ދެއްވި ކަމަށް ފާހަގަކުރެއްވި އެވެ. "50 އަހަރު ވަންދެން، ތިޔަބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުން ފަދައިން އަޅުގަނޑުވެސް މިގައުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދިނީ..،" އޭނާ ވިދާޅުވި އެވެ.
ޑިމޮކްރެޓުންގެ ބައެއް ފަރާތްތަކުން އޭނާ އެއްފަރާތް ކުރުމަށް ގޮވާލި ނަމަވެސް، ބައިޑަން ވިދާޅުވަމުން ދިޔައީ އިންތިހާބުގައި ވާދަ ނުކުރަން ނިންމީ ރުޅިވެރިކަމުން ނޫން ކަމަށާއި ގައުމުގެ ހެޔޮކަމަށް ނިންމި ނިންމުމެއް ކަމަށެވެ.
ފަސްޓް ލޭޑީ ޖިލް ބައިޑަން ވެސް ސްޓޭޖަށް އަރައި، އޭނާގެ ފިރިމީހާ މަގާމުން ވަކިވާން ނިންމި އުނދަގޫ ނިންމުން ބަލަން ހުރި ތަޖުރިބާ ހިއްސާ ކުރިއެވެ.
ބައިޑަންގެ ތަގުރީރަކީ އޭނާ ވިދާޅުވި ގޮތުގައި "މިހާތަނަށް ލިބުނު އެންމެ އާދަޔާ ހިލާފު ހަތަރު އަހަރުގެ ކުރިއެރުންތަކުގެ ތެރެއިން އެއް އަހަރު" އަށް ފަހަތަށް ބަލާލި ވަގުތު ، ލިބުނު ހިތްދަތި ވަގުތެކެވެ. އަދި އެމަނިކުފާނުގެ މަގާމަށް ބާކީ އޮތީ ފަސް މަސް ކަމަށާއި ދައުރު ނިމެންދެން ބުރަކޮށް މަސައްކަތް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ.









