މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މުވައްޒަފުންގެ ސިއްހީ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން "ސްޓްރެޗިން ޕްރޮގްރާމް" ރަސްމީކޮށް އިފުތިތާހުކޮށް، "ސްޓްރެޗް އެންޑް ވެލްނެސް"ގެ ނަމުގައި ހާއްސަ ފެއާއެއް މިއަދު ބާއްވައިފި އެވެ.
ހުޅުލޭގައި މިއަދު ކުރިއަށްދިޔަ މި ފެއާގެ މައިގަނޑު މަގުސަދަކީ މަސައްކަތުގެ މާހައުލުގައި ދިމާވާ ސިއްހީ ނުރައްކާތަކަށް މުވައްޒަފުން ހޭލުންތެރިކުރުވުމާއި، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަށް ބާރުއެޅުމެވެ. މީގެ އިތުރުން މަސައްކަތުގެ ތެރެއިން މަސްތަކާއި ކަށިތަކަށް ލިބޭ އަނިޔާތައް ކުރިއާލާ ދެނެގަނެ، އެފަދަ ކަންކަމުން ރައްކާތެރިވުމުގެ މުހިންމުކަން މުވައްޒަފުންނަށް ކިޔައިދިނުމަކީ ވެސް މި ހަރަކާތުގެ ބޭނުމެކެވެ.
Advertisement

މި ފެއާގެ ތެރެއިން މިއަދު އިފުތިތާހުކުރި "ސްޓްރެޗިން ޕްރޮގްރާމް" އަކީ މަސައްކަތުގެ މާހައުލުގައި، ހާއްސަކޮށް އޮޕަރޭޝަނަލް ދާއިރާތަކުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ މެދުގައި ގަވާއިދުން ކަސްރަތުކުރުމާއި އަނިޔާއިން ރައްކާތެރިވުމުގެ އާދަތައް އަށަގެންނެވުމަށް ފެށި މުހިންމު މަޝްރޫއެކެވެ.
މި ފެއާ ކުރިއަށް ގެންގޮސްފައިވަނީ ސިއްހީ ދާއިރާގެ ގިނަ މުއައްސަސާތަކަކާއި ފިޓްނަސް ސެންޓަރުތަކަކާ ގުޅިގެންނެވެ. އޭގެ ތެރޭގައި އޭޑީކޭ، ވެލްނެސް ކްލަބް މެނޭޖްޑް ބައި ހީޓް، ރިވައިވް ފިޓްނަސް، ފިޒިއޯ ސޮލިއުޝަންސް، އޭއެމްޑީސީ، ލެގަސީ ފިޓްނަސް، ޝީ، ތަސައްލީ މެޑިކަލް ކެއާ ހިމެނެއެވެ.
ފެއާގެ ހަރަކާތްތަކުގެ ތެރޭގައި ކޮމްބެޓް ފިޓްނެސް ސެޝަންއަކާއި ވޯކިން އެކްސަސައިޒް ދަސްކޮށްދޭ ސްޓޭޖް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ފެއާގައި ބައިވެރިވި ފަރާތްތަކުން ވަނީ މުވައްޒަފުންގެ ކަށިތަކާއި މަސްތަކުގެ ޓެސްޓުތައް ހިލޭ ހެދުމުގެ ފުރުސަތު ދީފައެވެ. މީގެ އިތުރުން، އެކި ހެލްތު ޕެކޭޖުތަކުންނާއި ފިޓްނަސް ޕްރޮގްރާމްތަކުން އެމްއޭސީއެލްގެ މުވައްޒަފުންނަށް ހާއްސަ ޑިސްކައުންޓްތަކެއް ވެސް މި ފެއާގެ ތެރެއިން ވަނީ ފަހިކޮށްދީފައެވެ.







