ތ. ވިލުފުށި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ 80 ޕަސެންޓް ނިމިފައިވާ ކަމަށް އެމްއޭސީއެލް އިން މިއަދު ބުނެފި އެވެ.
ވިލުފުށި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލް އިން ފަށާފައިވަނީ 14 ނޮވެމްބަރު 2025 ގަ އެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 81 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ.
އެމްއޭސީއެލް އިން ބުނީ އޭގެ ތެރެއިން 65 ހެކްޓަރުގެ ބިން މިހާރު ހިއްކައި ނިމިފައިވާ ކަމަށެވެ. އެއީ ހިއްކަންޖެހޭ ބިމުގެ 80 ޕަސެންޓެވެ. އަދި ކަނޑައެޅިފައިވާ ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ކުރިއަށްދާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
Advertisement

އެމްއޭސީއެލް އިން ވިލުފުށީ ބިން ހިއްކަނީ 11،300 ކިއުބިކް މީޓަރުގެ ވެލި ނެގޭ ކެޕޭސިޓެއްގެ ޑްރެޖަރެއް ބޭނުންކޮށްގެންނެވެ.
ވިލުފުށި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިދިޔަ އަހަރު ކުރެއްވި ދަތުރުފުޅު ތެރެއިންނެވެ. މި މަޝްރޫއުގެ ދަށުން ވިލުފުށި އެއާޕޯޓް ތަރައްގީ ކުރާނީ 1,800 މީޓަރު ދިގު ރަންވޭއަކާއި ފުރިހަމަ ޓާމިނަލަކާއި އެއާޕޯޓަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކާއެކު އެވެ.







