އައްޑޫގައި ހަރަކާތްތެރިވާ "ސްކޫޕް" ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ކޯޓަށް ހުށަހަޅައިފި

މުހައްމަދު ޖަމްޝަތު | 1 ގަޑިއިރު ކުރިން - 15 ޖެނުއަރީ 2026 16:01
އައްޑޫ ސިޓީ ހިތަދޫ. އެ ރަށުގައި ހަރަކާތްތެރިވާ "ސްކޫޕް" ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ވަނީ ހުށަހަޅާފަ---
އައްޑޫ ސިޓީ ހިތަދޫ. އެ ރަށުގައި ހަރަކާތްތެރިވާ "ސްކޫޕް" ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ވަނީ ހުށަހަޅާފަ---
ޚުލާސާ

އެ ގްރޫޕަށް ނިސްބަތްވާ މީހުން ކަމަށް ފާހަގަވެފައިވާ ނުވަ މީހަކު އެ ގްރޫޕްގެ މެންބަރުންކަމަށް ކަނޑައަޅައި ދިނުމަށްވެސް ވަނީ އެދިފަ

އައްޑޫ ސިޓީ ހިތަދޫގައި ހަރަކާތްތެރިވާ "ސްކޫޕު ގްރޫޕަކީ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް (ގޭންގެއް) ކަމަށް ކަނޑައަޅައި ދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް ހުށަހަޅައިފި އެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އައްޑޫ ސިޓީ ހިތަދޫގައި "ސްކޫޕު"ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްކަމަށް ކަނޑައަޅައި ދިނުމަށް ކޯޓަށް ހުށަހެޅުމަށް އެދި ފުލުހުން އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ހުށަހެޅި ހުށަހެޅުމާއި، ދިރާސާކޮށް ބެލިއިރު "ސްކޫޕު" ގްރޫޕަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ، އަދި މިހާރުވެސް ކުށްކުރުމުގައި ހަރަކާތްތެރިވާ ގްރޫޕެއްކަމަށް ފެންނަކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެހެންކަމުން، ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން "ސްކޫޕު"، "ސްކޫޕު ކަންމަތި" ނުވަތަ "SKP” ގުރޫޕަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތު ފުރިހަމަވާ، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ނުވަތަ ގޭންގެއްކަމަށް ކަނޑައަޅައި، އެ ގްރޫޕަށް ނިސްބަތްވާ މީހުންކަމަށް ފާހަގަވެފައިވާ ނުވަ މީހަކު އެ ގްރޫޕްގެ މެންބަރުންކަމަށް ކަނޑައަޅައި ދިނުމަށް އެދި ކޯޓަށް މިއަދު ވަނީ ހުށަހަޅާފަ އެވެ.

މި ހުށަހެޅުމާއެކު ޕީޖީ އޮފީހުން ވާނީ އެގްރޫޕަށް ނިސްބަތްވާކަމަށް ބެލެވޭ ސްޕޯޓްސް ކްލަބެއް ކަމަށްވާ "އެސްކޭޕީ ސްޕޯޓްސް ކްލަބް" އުވާލުމަށް ކޮމިޝަނާ އޮފް ސްޕޯޓްސްގެ މައްޗަށް އަމުރުކޮށްދިނުމަށާއި، "ސްކޫޕު"، "ސްކޫޕު ކަންމަތި" އަދި "SKP" ލިޔެފައިވާ ފާރުތަކާއި، އެންމެހައި ތަންތަނުން އެނަންތައް ފޮހެލުމަށް އައްޑޫ ސިޓީ ކައުންސިލުގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް ވަނީ ކޯޓުގައި އެދިފަ އެވެ.

މިއީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އަމަލުކުރަން ފެށިފަހުން، ފުލުހުން ޕީޖީ އޮފީހަށް ހުށަހެޅި މިފަދަ ދެވަނަ ހުށަހެޅުމެވެ. ކުރީގެ ހުށަހެޅުން ދިރާސާކޮށް ބެލިއިރު، ގޭންގެއް ކަމަށް ކަނޑައެޅުމަށްޓަކައި ގާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާކަމަށް ސާބިތުކުރުމަށް ބޭނުންވާވަރަށް ތަހުގީގު ފުރިހަމަވެފައި ނުވާކަން އެ އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ.

އެހެންކަމުން، މިއީ ޤާނޫނުގެ ދަށުން "އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕް، ގޭންގެއްކަމަށް ކަނޑައަޅުމަށް ކޯޓަށް ހުށަހެޅި ފުރަތަމަ ހުށަހެޅުމެވެ. މިކަމާ ގުޅިގެން ކޯޓުން ގޮތެއް ކަނޑައެޅުމުން ގާނޫނުގެ ދަށުން އެ ގްރޫޕާއި، ގްރޫޕްގެ މެންބަރުންނާމެދު އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ދިވެހި ފުލުހުންނާއި ގުޅިގެން ކުރަމުން ގެންދާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.

ގާނޫނުގައި "އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕް" މާނަކޮށްދީފައިވަނީ ޖިނާއީ ބޮޑު ކުށެއް ނުވަތަ އެފަދަ އެއް ކުށަށްވުރެ ގިނަ ކުށް ކުރުމަށް، ނުވަތަ އެނޫންވެސް ޖިނާއީ ކުށް ކޮށްގެން ސީދާ ގޮތެއްގައިވިޔަސް ނުވަތަ ނުސީދާ ގޮތެއްގައިވިޔަސް މާލީ ނުވަތަ އެނޫންވެސް މާއްދީ މަންފާއެއް ހޯދުމަށް، ގުޅިގެން މަސައްކަތްކުރާ، ތިން މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުންގެ މައްޗަށް އެކުލެވޭ އިންތިޒާމުވެފައިވާ ގްރޫޕަކަށެވެ. މި ގާނޫނުގެ ދަށުން ފިޔަވަޅު އެޅެނީ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު "އެކްޓިވް" ގްރޫޕްތަކާ މެދުގަ އެވެ.

ދިވެހިރާއްޖޭގައި އިންތިޒާމުވެގެން ކުށްކުރާ ގްރޫޕްތައް ހުއްޓުވައި ފިޔަވަޅު އެޅުމަށް ފުލުހުންނާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ވެސް ގާނޫނުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ ކުށްކުރާ ގްރޫޕްތަކާމެދު ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު ފިޔަވަޅު އަޅަމުންދާނެކަމަށް ޕީޖީ އޮފީހުން ބުންޏެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%