ސައޫދީން ޔޫއޭއީ ދެކެ ހިތްހަމަނުޖެހިއްޖެ

ހުސައިން އިސްމާއިލް | 9 ދުވަސް ކުރިން - 7 ޖެނުއަރީ 2026 18:43
ޔަމަނު މައްސަލައިގަ އާއި ސީރިއާގެ ދުރޫޒް ދަރިކޮޅުގެ މައްސަލައިގައި ސައޫދީ އަރަބިއްޔާ އާއި އަރަބް އެމިރޭޓްސްގެ ވެރިންގެ މެދުގައި ވަނީ ކުނިޖެހިފަ.
ޔަމަނު މައްސަލައިގަ އާއި ސީރިއާގެ ދުރޫޒް ދަރިކޮޅުގެ މައްސަލައިގައި ސައޫދީ އަރަބިއްޔާ އާއި އަރަބް އެމިރޭޓްސްގެ ވެރިންގެ މެދުގައި ވަނީ ކުނިޖެހިފަ.
ޚުލާސާ

ޔޫއޭއީ އިން ސީރިއާގައި ތިބި ދުރޫޒް ދަރިކޮޅާއި ގުޅުން ބާއްވާތީ އާއި، ޔަމަނުގެ ސަރުކާރާއި ދެކޮޅު ބައެއް ޖަމާޢަތްތަކަށް ހަތިޔާރުދޭތީ

ސީރިއާގެ ދެކުނުގެ ސުވައިދާ ސަރަހައްދުގައި ތިބި ދުރޫޒް ޖަމާއަތްތަކާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ގުޅުން ބާއްވާތީވެ ސައޫދީ އަރަބިއްޔާގެ ރިޔާޟުން ހިތަހަމަނުޖެހިއްޖެއެވެ.

ސައުދީން ދެކޭ ގޮތުގައި މިއީ ސީރިއާގެ އެއްބައިވަންތަކަމާއި ސަރަހައްދީ ސަލާމަތަށް އޮތް ސީދާ ނުރައްކަލެކެވެ. ދުރޫޒް ދަރިކޮޅަކީ ސީރިއާއިން ވަކިވެގަނެގެން އުޅޭ އާބާދީއެކެވެ. މި ދަރިކޮޅުގެ ގިނަ ޢަދަދެއްގެ ބަޔަކު އިސްރާއީލާއި ލުބުނާނުގައި ވެސް ދިރިއުޅެއެވެ. ހާއްސަކޮށް އިސްރާއީލުގެ އަސްކަރިއްޔާގައި ގިނަ އަދަދެއްގެ ދުރޫޒުން އުޅޭކަން ފާހަގަ ކުރެވެއެވެ.

މިހާރަކަށް އައިސް ސައުދީ ބޯޑަރު ކައިރީގައިވާ ދެކުނު ސަރަހައްދުތަކުގައި ޔޫއޭއީގެ ތާއީދު އޮންނަ ޖަމާއަތްތަކުން ދަނީ ބާރު ގަދަ ކުރަމުންނެވެ. ޔަމަނުގައި ވަކިވެގަންނަ ބާރުތަކަށް ވެސް ޔޫއޭއީ އިން ދަނީ އެހީތެރިވަމުންނެވެ. މިއީ ވެސް ރިޔާޟުން ކަންބޮޑުވާ މައްސަލައެކެވެ.

ސައުދީ އާއި އިމާރާތުން ވެސް ޔަމަނުގެ ހަނގުރާމަވެރި އެކި ޖަމާއަތްތަކަށް ހަތިޔާރު ފޯރުކޮށްދެއެވެ. ސައުދީން މައިގަނޑު ގޮތެއްގައި ހަތިޔާރު ފޯރުކޮށްދީފައި ވަނީ ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރާ ޔަމަނުގެ ސަރުކާރަށާއި ސަރުކާރަށް ވާގިދޭ ޖަމާއަތްތަކަށެވެ. އަމާޒަކީ ޔަމަނުގެ އެއްބައިވަންތަކަން ދިފާއުކުރުމާއި ހޫޘީންގެ ކިބައިން ސައުދީ ބޯޑަރު ސަލާމަތްކޮށް ހިމާޔަތްކުރުމަށެވެ.

ޔޫއޭއީ އަކީ ރަސްމީކޮށް ސައުދީ އިސްވެ އޮވެ އޮންނަ ކޯލިޝަންގެ މެންބަރެއް ކަމުގައި ވިޔަސް، ޔަމަނުގެ ދެކުނުގައި ހަރަކާތްތެރިވާ ލޯކަލް މިލިޝިއާ އަށް ހަތިޔާރާއި ތަމްރީނު ދީފައިވާއިރު، އޭގެ ތެރޭގައި ދެކުނު ޓްރާންސިޝަނަލް ކައުންސިލާއި، ސެކިއުރިޓީ ބެލްޓް ފޯސަސްއާއި، ޖަޔަންޓްސް ބްރިގޭޑްތަކާއި، ހަދްރަމައުތު އަދި ޝަބްވާ ފަދަ ހަތިޔާރު އެޅި ގުރޫޕްތައް ހިމެނެއެވެ. ޔޫއޭއީގެ ތާއީދު އޮންނަ މި ޖަމާއަތްތަކުން ހޫޘީންނާއި ހަނގުރާމަ ކުރި ނަމަވެސް ޔަމަނު ސަރުކާރުގެ ބާރުތަކާއި ވެސް ކުރިމަތިލުންތަކެއް ހިނގައެވެ.

މިއީ ވެސް ސައުދީ އާއި ޔޫއޭއީ އާއި ދެމެދު ކުނި ޖެހެމުންދާ މައްސަލައެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%