އިނގިރޭސީ ޕްރިމިއާ ލީގުގައި ބްރައިޓަން 2-4 ގެ ނަތީޖާއިން ބަލިކޮށް ޔުނައިޓެޑް ތާވަލުގެ ހަތަރު ވަނައަށް ޖެހިލިއިރު، މި ސީޒަނުގައި ހަތަރު މެޗުން ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ހަ ވަނައަށް ވެއްޓިއްޖެ އެވެ.
ރޭގެ މެޗާއެކު ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ޔުނައިޓެޑް މޮޅުވެފައިވާއިރު ސަޕޯޓަރުންގެ ފަރާތުން ފާޑުކިޔުން އަމާޒުވެފައިވާ ކޯޗު އަމޮރިމް، އޭނާގެ މަގާމުގައި ހުރެވޭނެ ކަމުގެ ޔަގީންކަން މިވަނީ އާވެފައެވެ. ލީގުގައި ބޮޑު ތިން މެޗު ކުޅެފައިވައިވާއިރު އޭގެ ތެރެއިން ދެ މެޗު އޭނާ ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި މިހާތަނަށް ކުޅުނު ނުވަ މެޗުގެ ތެރެއިން ފަސް މެޗުން ޔުނައިޓެޑް ވަނީ މޮޅުވެފަ އެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު އެ ޓީމުން ވަނީ ގިނަ ހަމަލާތަކެއް ވެސް އުފައްދާފަ އެވެ. ފުރަތަމަ ގޯލު ޖަހައި ލީޑު ނަގާފައިވަނީ ވެސް ޔުނައިޓެޑުންނެވެ. އެގޮތުން މެޗުގެ 24 ވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ގޯލު ކަސެމީރޯގެ އެހީތެރިކަމާއެކު އޭރިއާ ބޭރުން ޖެހީ ކުންހާ އެވެ. އަދި 31 ވަނަ މިނެޓުގައި ކަސެމީރޯ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ބްރައިޓަން ކުޅުންތެރިއެއްގެ ގައިގައި ޖެހި ޑައިރެކްޝަން ބަދަލުވެ ގޯލަށް ވަނެވެ.
ފުރަތަމަ ހާފު ނިމުނުއިރު 0-2 ގެ ނަތީޖާއިން މޮޅުވެ ކުރީގައި އޮތީ ޔުނައިޓެޑެވެ. މެޗުގެ 61 ވަނަ މިނެޓުގައި ސެސްކޯގެ އެހީތެރިކަމާއެކު އެމްބޫމޯ ވަނީ ގޯލެއް ޖަހައި ލީޑު ފުޅާކޮށްދީފަ އެވެ. ބްރައިޓަންގެ ފުރަތަމަ ގޯލު 71 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކުރީ ވެލްބެކެވެ. އަދި 2+90 ގައި މިލްނާ ނަގައިދިން ކޯނަރެއް ގޯލަށް ވައްދާލާ ކޮސްޓޫލަސް ވަނީ ޔުނައިޓެޑް ހާސްކޮށްލާފަ އެވެ. ނަމަވެސް މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް އެމްބޫމާ ވަނީ އިތުރު ގޯލެއް ޖަހާފަ އެވެ. މި ގޯލު އޭނާ ޖެހީ ހެވަން ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
ލީގުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވުނު ލިވަޕޫލް މި ފަހަކަށް އައިސް ހޯދަމުން ދަނީ ދަށް ނަތީޖާތަކެވެ. ސީޒަން ފެށުމުގެ ކުރިން ލިވަޕޫލުން ބޮޑެތި ހަރަދުތަކެއް ކޮށްފައިވާއިރު މިހާތަނަށް ކުޅުނު ނުވަ މެޗުގެ ތެރެއިން އެ ކުލަބު މިވަނީ ހަތަރު މެޗުން ބަލިވެފަ އެވެ. މިވަގުތު ހަ ވަނައިގައި އޮތް ނަމަވެސް މިރޭ ކުޅޭ މެޗުތަކުގެ ނަތީޖާ އަންނަ ގޮތަކުން އެއަށްވުރެ ދަށަށް ވެސް ހިނގައިދާނެ އެވެ.
3-2 އިން ބްރެންޓްފޯޑު މޮޅުވި މި މެޗުގައި ފުރަތަމަ ދެ ގޯލު ޖަހައި ލީޑު ނަގާފައިވަނީ ވެސް ބްރެންޓްފޯޑުންނެވެ. އެގޮތުން ފުރަތަމަ ހާފުގެ ފަސް ވަނަ މިނެޓު އަދި 45 ވަނަ މިނެޓު އެ ޓީމުން ވަނީ ގޯލުތައް ޖަހާފަ އެވެ. މި ގޯލުތައް ޖަހާފައިވަނީ އޯޓަރާ އަދި ޝާޑޭ އެވެ. ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ލިވަޕޫލުން ވެސް ވަނީ ގޯލެއް ޖަހާފަ އެވެ. މި ގޯލު ޖަހާފައިވަނީ ކާކެޒް އެވެ. މެޗުގެ 60 ވަނަ މިނެޓުގައި ބްރައިޓަންގެ ތިން ވަނަ ގޯލު ލިބުނު ޕެނަލްޓީއަކުން ޖަހާފައިވަނީ ތިއާގޯ އެވެ. އަދި 89 ވަނަ މިނެޓުގައި ސަލާހް ވަނީ ލިވަޕޫލަށް ގޯލެއް ޖަހައިދީފަ އެވެ.
ހޮނިހިރު ދުވަހުގެރޭ އަމިއްލަ ދަނޑުގައި ޗެލްސީ ވެސް ވަނީ ބަލިވެފަ އެވެ. 1-2 އިން ސަންދަލޭންޑް މޮޅުވި މި މެޗުގެ ހަތަރު ވަނަ މިނެޓުގައި ގާނާޗޯ ޗެލްސީ އަށް ލީޑު ނަގައިދިން ނަމަވެސް މެޗުގެ 22 ވަނަ މިނެޓުގައި އަދި 3+90 ވަނަ މިނެޓުގައި ސަންދަލޭންޑުގެ އިސީޑޯ އާއި ތަލްބީގެ ގޯލުތަކުން އެ ޓީމު ވަނީ ބަލިވެފަ އެވެ.
ސަންދަލޭންޑްގެ މި ހޯދި މޮޅާއެކު އެ ކުލަބު މިވަނީ ވަގުތީގޮތުން ތާވަލުގެ ދެވަނައަށް ޖެހިލާފަ އެވެ. އަދި ޗެލްސީ މިވަނީ ތާވަލުގެ އަށް ވަނައަށް ވެއްޓިފަ އެވެ.
މި ހަފްތާގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ވެސްޓްހޭމް އަތުން ލީޑްސް ޔުނައިޓެޑް 1-2 ގެ ނަތީޖާއިން މޮޅުވެފައިވާއިރު، ފުލަމް އަތުން ނިއުކާސަލް ވަނީ 1-2 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ.
މިރޭ ކުޅޭނެ މެޗުތައް؛
ބޯންމައުތް - ނޮޓިންހަމް ފޮރެސްޓް (19:00)
އާސެނަލް - ކްރިސްޓަލް ޕެލެސް (19:00)
އެސްޓަން ވިލާ - މެންޗެސްޓާ ސިޓީ (19:00)
ވުލްވްސް - ބާންލީ (19:00)
އެވަޓަން - ޓޮޓެންހަމް (21:30)
ތާވަލު މިވަގުތުގައި އޮތްގޮތް؛
- އާސެނަލް - 8 މެޗުން 19 ޕޮއިންޓް
- ސަންދަލޭންޑް 9 މެޗުން 17 ޕޮއިންޓް
- މެންޗެސްޓާ ސިޓީ - 8 މެޗުން 16 ޕޮއިންޓް
- މެންޗެސްޓާ ޔުނައިޓެޑް - 9 މެޗުން 16 ޕޮއިންޓް
- ބޯންމައުތް - 8 މެޗުން 15 ޕޮއިންޓް
- ލިވަޕޫލް - 9 މެޗުން 15 ޕޮއިންޓް
- ޓޮޓެންހަމް - 8 މެޗުން 14 ޕޮއިންޓް
- ޗެލްސީ - 9 މެޗުން 14 ޕޮއިންޓް
- ކްރިސްޓަލް ޕެލެސް - 8 މެޗުން 13 ޕޮއިންޓް
- ބްރެންޓްފޯޑް - 9 މެޗުން 13 ޕޮއިންޓް






