
ޣައްޒާ އަށް އެހީ ހިފައިގެން ދަނިކޮށް މިއަދު އިސްރާއީލް ސިފައިން ޙަމަލާދިން ގާފިލާގައި ހިމެނޭ ބޯޓް.
ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރި ފްރީޑަމް ފްލޮޓިއްލާ ކޯލިޝަން (އެފްއެފްސީ) ގެ 93 މީހުން ހިމެނޭ ބޯޓަކަށާއި އިތުރު 3 ބޯޓަކަށް އިސްރާއިލުގެ ސިފައިން މިއަދު ޙަމަލާދީ އެންމެން ހައްޔަރުކޮށްފިއެވެ.
އެފްއެފްސީން ބުނީ މިއަދު ހަމަލާދިން އެއް އުޅަނދުގައި 93 ނޫސްވެރިންނާއި ޑޮކްޓަރުންނާއި އެކްޓިވިސްޓުން ހިމެނޭ ކަމަށެވެ.
އިސްރާއީލުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. ޔަހޫސީ މިނިސްޓްރީން ބުނީ ގާނޫނީ ކަނޑުގެ ސިފައިންގެ މަސައްކަތަށް ހުރަސް އެޅުމުގެ ސަބަބުން ޙަމަލާދީ ހައްޔަރުކުރީ ކަމަށެވެ. އަދި 4 ބޯޓު އިސްރާއީލުގެ ބަނދަރަށް ވައްދާނެ ކަމަށާއި ހުރިހާ އެންމެން ޖަލަށް ލާނެ ކަމަށް ބުންޏެވެ.
ޣައްޒާ އާއި 120 ނޯޓިކަލްމޭލުން ޙަމަލާދިން މި ބޯޓުތަކާއި ގުޅޭ ގޮތުން ތުރުކީވިލާތުގެ ފޮރިން މިނިސްޓްރީން ވަނީ އެ ގާފިލާގައި އެޤައުމުގެ ރައްޔިތުންނާއި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ހިމެނޭކަން ކަށަވަރުކޮށްދީފަ އެވެ. އަދި އިސްރާއީލުގެ ޢަމަލުތަކަކީ "ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ވަރަށް ބޮޑަށް ޚިލާފު ކަނޑުފޭރުމުގެ ޢަމަލެއް" ކަމަށް ބުނެފައިވެއެވެ.
މި އުޅަނދުތަކުގައި މެލޭޝިއާ، އަޔަލޭންޑް، ފްރާންސް އަދި ޑެންމާކުގެ އެކްޓިވިސްޓުންގެ އިތުރުން އެހެން ޤައުމުތަކުގެ އެކްޓިވިސްޓުން ވެސް ހޮމެނެއެވެ.
އެފްއެފްސީން ބުނީ އެ އުޅަނދުތަކުގައި ޣައްޒާގެ ހޮސްޕިޓަލުތަކަށް ގެންދިޔަ 110،000 ޑޮލަރަށް ވުރެ ގިނަ ޑޮލަރުގެ ބޭހާއި ނިއުޓްރިޝަނަލް ސާމާނު ހުންނާނެއެވެ.
ހުސްވި ހަފްތާގައި ގްލޯބަލް ޞުމޫދު ފްލޮޓިއްލާގެ ވެސް 40 އަށްވުރެ ގިނަ އުޅަނދެއްވެސް ހުއްޓުވައި 450 އަށް ވުރެ ގިނަ އެކްޓިވިސްޓުން ޔަހޫދީ ސިފައިން ވަނީ ވަގަށް ނަގައި ބަންދުކޮށްފައިކަން ފާހަގަކުރެވެއެވެ.










