ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރި ގްލޯބަލް ޞުމޫދު ފްލޮޓިއްލާ (ޖީއެސްއެފް)އިން ހައްޔަރުކޮށް އިސްރާއީލުގެ ޖަލުގައި ބަންދުކުރި މީހުންނާއި ދޭތެރޭ ޒައެނިސްޓުން ކަންތައްތައް ކޮށްފައި ވަނީ މަކުނުންނާއި ދޭތެރޭ ކަންތައްތައް ކުރާ ގޮތަށް ކަމަށް، ބައިނަލްއަޤްވާމީ ރިޕޯޓުތަކުން ބުނެފިއެވެ.
ޣައްޒާގެ ކަނޑުގެ ސަރަޙައްދުގައިވާ ހުރަސްތައް ނައްތާލައި، ވަށައިގެން ބަންދުކޮށްފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް އިސްރާއީލަށް ޕްރެޝަރު މަސައްކަތް ކުރަމުން ދިޔަ ޖީއެސްއެފް އަށް އިސްރާއީލު ސިފައިން ހުރަސް އަޅައި ވަރަށް އިހާނެތިކޮށް ހުރިހާ އުޅަނދެއް ހުއްޓުވުމަށްފަހު ބުދަ ދުވަހާއި ހުކުރު ދުވަހާއި ދެމެދު ފްލޮޓިއްލާގެ 450 އެއްހާ ބައިވެރިން ހައްޔަރުކޮށްފައިވެއެވެ.
އިސްރާއީލް ޖަލުން އެނބުރި އައިސް އިޓަލީގެ އެކްޓިވިސްޓް ސެސާރޭ ޓޮފާނީ ވިދާޅުވީ، އެ މީހުންނާއި މެދު ކަންކަން ކޮށްފައި ވަނީ ވަރަށް ބިރުވެރި ގޮތަކަށެވެ.
މީގެ އިތުރުން އިޓަލީގެ ޔޫނިއަން އޮފް އިސްލާމިކް ކޮމިއުނިޓީސްގެ ރައީސް ޔާސީން ލަފްރަމް އާއި އިޓަލީގެ ނޫސްވެރިޔާ ސަވެރިއޯ ޓޮމާސީ ބުނީ ބައެއް އެކްޓިވިސްޓުންނަށް މަލާމާތްކޮށް ޖެއްސުންކޮށް ބުލީ ކުރި ކަމަސެވެ. އަދި ބައެއް މީހުންގެ އަތުގައި ހުރި ބޭސްތައް ވެސް އިސްރާއީލުގެ ސިފައިން ވަނީ ހިފަހައްޓާފައި ކަމަށާއި، ބޯން ފެން ދިނުމަށް އެދި ބުނުމުން ދިނީ ފާޚާނާގެ ފެން ކަމަށާއި، ބަންދުކޮށްފައިވާ އެކްޓިވިސްޓުންނާއި މެދު ކަންތައްތައް ކޮށްފައި ވަނީ "މަކުނު ފަދައިން" ނެވެ.
އިސްތަންބޫލުގައި ހުރި އިޓަލީގެ އެކްޓިވިސްޓަކު ބުނީ އެމީހުން ތިބީ ފުރަގަހަށް ބަނދެފައި ކަމަށާއި އިސް އުފުލާލައި މީހެއްގެ މޫނަށް ބަލައިފިނަމަ ފުރަގަހުން އައިސް ބޮލުގައި ތަޅައިގަންނަނީ ކަމަށެވެ. އަދި 4 ގަޑިއިރުވަންދެން ކަކޫމައްޗަށް ތިރިވެ އިށީނދެގެން ތިބެން ޖެހުނު ކަމަށް ވެސް އެކްޓިވިސްޓުންނާއި ޙަވާލާދީ އޭޕީން ބުނެއެވެ.






