މާސިންގާ ލިވަޕޫލް އަތުން ޗެލްސީ ފަހުވަގުތު މޮޅުވެއްޖެ

އައިޝަތު އީމާން | 14 ދުވަސް ކުރިން - 4 އޮކްޓޯބަރު 2025 00:23
ފޮޓޯ: ޚުލާސާ ގްރެފިކްސް
ފޮޓޯ: ޚުލާސާ ގްރެފިކްސް
ޚުލާސާ

މި މޮޅާއެކު ޗެލްސީ މިވަނީ ތާވަލުގެ ހަ ވަނައަށް ޖެހިލާފައި. އަދި ލިވަޕޫލް ވަނީ ދެވަނައަށް ވެއްޓިފައި.

މި ސީޒަނުގައި އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކަމުން އަންނަ ލިވަޕޫލް، ވޯލްޑް ޗެމްޕިއަން ޗެލްސީ އަތުން ފަހު ވަގުތުގައި ބަލިވެއްޖެ އެވެ. ޕްރިމިއަރ ލީގުގައި މިރޭ މި ދެޓީމު ބައްދަލުކުރި މެޗު ޗެލްސީން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއިންނެވެ.

ޗެލްސީގެ ސްޓެމްފޯޑު ބްރިޖުގައި ކުޅުނު މި މެޗުގެ ކުރީކޮޅުގައި ޗެލްސީން ވަނީ ގޯލެއް ޖަހައި ލީޑު ނަގާފައެވެ. މި ގޯލު 14 ވަނަ މިނެޓުގައި ކާމިޔާބުކުރީ މޮއިސެސް ކައިސޭޑޯ އެވެ. 25 ޔާޑު ދުރުން އޭނާ ފޮނުވާލި ހަމަލާ ވަނީ ގޯލުގެ މަތީ ކަނަށެވެ.

މެޗުގައި ރަނގަޅު ކުޅުމެއް ކުޅެމުންދިޔަ ޗެލްސީގެ ގޯލު ލިވަޕޫލުން ފޫ އަޅުވާލީ 63 ވަނަ މިނެޓުގައި އިސަކް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. ނަމަވެސް މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ކުކުރެއްލާ ނަގައިދިން ހުރަހެއް ވިލިއަމް ވަނީ ގޯލަށް ވައްދާލާ ޗެލްސީ އަށް ތިން ޕޮއިންޓު ހޯދައިދީފައެވެ. މި މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޗެލްސީގެ ކޯޗަށް ވަނީ ރެފްރީގެ ނިންމުންތަަކަށް ފާޑުކިޔުމުގެ ސަބަބުން ދެ ރީދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ.

މި މެޗުގައި ގިނަ ހަމަލާތައް ގޯލަށް ފޮނުވާލައިވަނީ ޗެލްސީންނެވެ. ޖުމްލަ 10 ހަމަލާ ޗެލްސީން ފޮނުވާލިއިރު ލިވަޕޫލަށް ފޮނުވާލެވުނީ އަށް ހަމަލާއެވެ. އޭގެ ތެރެއިން ވެސް ގޯލާ އަމާޒުވީ ދެ ހަމަލާ އެވެ.

މި ބައްޔާއެކު ލިވަޕޫލް ވަނީ ތާވަލުގެ ދެވަނައަށް ވެއްޓިފައެވެ. ލިވަޕޫލް ބަލިވުމުން ތާވަލުގެ އެއްވަނައިގައި އޮތީ މިރޭ ވެސްޓްހޭމް ބަލިކުރި އާސެނަލެވެ. ޗެލްސީގެ މި މޮޅާއެކު އެ ކުލަބު މިވަނީ ހަ ވަނައަށް ޖެހިލާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%