2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ވަނަ ދުވަހަކީ މުޅި ދުނިޔެ “އެލާޓުވި” ދުވަހެކެވެ. ޓެރަރިސްޓް ޙަމަލާތަކެއް ދީ ގާތްގަނޑަކަށް 100 ބިލިއަން ޑޮލަރުގެ ގެއްލުމެއް އެމެރިކާ އަށް ލިބުނު ދުވަހެކެވެ. ކުޑަ ވަގުތުކޮޅެއްގެތެރޭގައި އެމެރިކާގެ ޓްވިން ޓަވަރާއި ޕެންޓަގަން ގޮއްވާލައި 3000 އެއްހާ މީހުން މަރައިލިތާ 24 އަހަރު ފުރޭއިރު، ޙަމަލާ އާއި ބެހޭ ގޮތުން އެކި މީހުން ދައްކަނީ ތަފާތު ވާހަކަތަކެވެ. އެއް ބަޔަކު މި ޙަމަލާ ސިފަ ކުރަނީ ޓެރަރިޒަމްގެ ނަމުގައި މުސްލިމު ޤައުމުތަކަށް އަރައިގަތުމަށް އެމެރިކާއިން ކުޅެލި ޑުރާމާއެއްގެ ގޮތަށެވެ. އަނެއް ބަޔަކު އަޅުވަނީ އަލްޤައިދާގެ ބޮލުގައެވެ.
އަލްޤައިދާގެ ބޮލުގައި މި ޙަމަލާ އަޅުވާ ސަބަބުތަކުގެ ތެރޭގައި، ޙަމަލާއަށް މަސްދުވަސް ވީ ތަނާ މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ސައޫދީ ޢަރަބިއްޔާގެ ރިޔާޟްގެ ރައްޔިތެއް ކަމަށްވާ އުސާމާ ބިން ލާދިން ނުވަތަ އަލްޤައިދާގެ ލީޑަރުގެ ނަމުން މަޝްހޫރުވެފައިވާ ބިން ލާދިން ދެއްކެވި ވާހަކަތައް ހިމެނެއެވެ. ޓްރޭޑް ސެންޓަރު ގޮއްވައިލި ޙަމަލާ އަކީ މެދުއިރުމަތީގައި އެމެރިކާއިން ހިންގާ ޢަމަލުތަކަށް ދޭ ޖަވާބެއް ކަމަށާއި ޙަމަލާ އަށް އޭނާ ތަޢުރީފް ކޮށްފައި ވުމާއި، 2001ގެ ނޮވެންބަރުގެ ފަހުން ޢާންމުވި ވީޑިއޯ އަދި އޯޑިއޯ މެސެޖްތަކެއްގައި 9/11 ގެ ޙަމަލާތައް ރޭވީ އަލްޤައިދާއިން ކަމަށް ސިފަވާ ގޮތަށް ބިން ލާދިން ވާހަކަދައްކަވާފައިވުން ހިމެނެއެވެ. އަދި، އެއީ އެމެރިކާގެ ސިޔާސަތުތަކާއި ދެކޮޅަށް ބަދަލު ހިފުން ކަމަށް ސިފަ ކޮށްފައި ވެއެވެ. މީގެ އިތުރުން ބައެއް ޗެނަލް ތަކުގައި އަލްޤައިދާއިން ސިފަ ކޮށްފައި ވަނީ މި ޙަމަލާ ތަކަކީ ބިން ލާދިންގެ އިރުޝާދުގެ ދަށުން ހިންގި ކާމިޔާބު އޮޕަރޭޝަނެއްގެ ގޮތުގައެވެ. ނަމަވެސް، އެއީ ހަމަ ސީދާ އަލްޤައިދާގެ ވާހަކަތަކެއް ކަމަށް ޔަޤީން ކުރެވޭނެ ގޮތެއް ނެތެވެ. އަލްޤައިދާގެ ނަމުގައި އެމެރިކާގެ އިންޓެލިޖެންސުން ހިންގާ އިންޓަނެޓް ގްރޫޕްތަކެއް ހުރެއެވެ. އަދި ބިންލާދިންގެ ނަމުގައި އެ ޗެނަލްތަކުގައި ފޭކު ވީޑިއޯ އަދި އޯޑިއޯ މެސެޖުތައް ޕޯސްޓުކޮށްފައި ވެސް ވެއެވެ.
9/11 ގެ ޙަމަލާ އަކީ ބިން ލާދިންގެ ރޭވުމެއް ކަމަށް ސާބިތު ކުރެވޭނެ ހެއްކެއް ޙަޤީޤަތުގައި ފެންނާނަކަށް ނެތެވެ. އެފްބީއައި އިން ބުނާ ވާހަކަތަކާއި، އެމެރިކާގެ ޖާސޫސުން އަލްޤައިދާގެ ނަމުގައި އިންޓަރނެޓް ޗެނަލްތައް ހިންގާ! އޭގައި ދައްކާފައިވާ ވާހަކަތައް ވެސް އެއީ ހެކި ކަމަށް ހަދައި 9/11 ޙަމަލާ އާއި އަލްޤައިދާ އާއި ގުޅުވާފައި އެބަހުއްޓެވެ! “ތިމަންނާމެންގެ ކަމެކޭ” ދުވަހަކުވެސް އުސާމާ ބިން ލާދިން ބުނެފައެއް ނެތެވެ! ސުވާލަކީ މިއީ ހަމަ އަލްޤައިދާއިން ހިންގި ކަމެއް ހެއްޔެވެ؟ ނުވަތަ އެ ބުނާ ބިން ލާދިން ފަހުން ދިރިއުޅެމުން ގެންދިޔަ އަފްޣާނިސްތާނާއި ސޫދާން އަދި ބިން ލާދިންގެ މަންމަގެ އުފަން ބިން ކަމަށް ބުނާ ސީރިއާގައި ބިން ލާދިންގެ ބާރު އޮންނާތީވެއޭ ކިޔައި ސީރިއާގެ ބިމަށް އަރަން އެމެރިކާއިން ކުޅެލި ގޭމެއް ހެއްޔެވެ؟
ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)އިން ބުނާ ގޮތުގައި ޓްރޭޑް ސެންޓަރަށާއި ޕެންޓަގަން އަށް ދިން ޙަމަލާގެ ފަހަތުގައި އޮތީ އަލްޤައިދާއެވެ. މުސްލިމުންނެވެ. ހަރުކަށި (ހުޅަނގުގެ ގޮތްތަކަށް ތަބާނުވާ) މުސްލިމް ޓެރަރިސްޓުން ދިން ޙަމަލާއެކެވެ. މޭސްތިރިއަކީ އުސާމާ ބިން ލާދިނެވެ. އެ ޙަމަލާގައި އަލްޤައިދާގެ 19 މީހަކު ޖާނުންފިދާވެ އެމެރިކާއިން 2977 މީހުން މަރައިލިއެވެ.
ޙަމަލާތަކުގައި ބައިވެރިވި ފުލައިޓުތައް
9/11 ގައި އެމެރިކާ އަށް ޖުމްލަ ހަތަރު ޙަމަލާއެއް ދިންއިރު މި ޙަމަލާތަކުގައި މުޅިންވެސް ގެންގުޅުނީ އެމެރިކާގެ މަތިންދާބޯޓުތަކެވެ. އެއީ:
އެމެރިކަން އެއާލައިންސްގެ ދެފުލައިޓް ކަމަށްވާ ފްލައިޓް 11 އާއި ފްލައިޓް 77 އަދި، ޔުނައިޓެޑް އެއާލައިންސް ފްލައިޓް 175 އާއި ފްލައިޓް 93 މި ހަތަރު ފުލައިޓެވެ.
9/11 ވަނަ ދުވަހު އަލްޤައިދާއިން ދިން ފުރަތަމަ ޙަމަލާ އަމާޒުކުރީ އެމެރިކާގައި ހުންނަ ވޯލްޑް ޓްރޭޑް ސެންޓަރުގެ އުތުރު ޓަވަރަށް. މި ޙަމަލާ ދީފައި ވަނީ ބޮސްޓަން އިން ލޮސް އެންޖެލިސް އަށް ދަތުރުކުރި ފުލައިޓު ހައިޖެކު ކުރުމަށްފަހު. ފޮޓޯ އިން މި ފެންނަ ޕާސްޕޯޓަކީ މި ގުރޫޕުގައި ހިމެނޭ އަލް ސުޤައިމީގެ ޕާސްޕޯޓް ކަމަށް އެފްބީއައި އިން ބުނޭ. (ޚުލާޞާ ފައިލް ފޮޓޯ).
2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 9 ވަނަ ދުވަހު އަލްޤައިދާއިން ދިން ފުރަތަމަ ދެޙަމަލާ އަމާޒުކޮށްފައި ވަނީ ވޯލްޑް ޓެރޭޑް ސެންޓަރަށެވެ. އެފްބީއައިން އިން ބުނެފައިވާ ގޮތުގައި ޓްރޭޑް ސެންޓަރަށް ޙަމަލާ ދީފައި ވަނީ ބޮސްޓަން އިން ލޮސް އެންޖެލިސް އަށް އެ ދުވަހު ހެނދުނު 7:45 ގައި ފުރަން ހަމަޖެހިފައިވާ ފުލައިޓަކާއި 7:58 ގައި ފުރަން ހަމަޖެހިފައިވާ ފުލައިޓެއް ހައިޖެކް ކޮށްގެންނެވެ. އެއީ އެމެރިކަން އެއާލައިންސްގެ ފްލައިޓް 11 އާއި ޔުނައިޓެޑް އެއާލައިންސް ފްލައިޓް 175 މި ދެފުލައިޓެވެ. މީގެ ތެރެއިން ފުލައިޓް 11 ރަންވޭއިން ނައްޓައިލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި، އޭގައި ތިބި 5 މީހުންގެ ގުރޫޕަކުން ބޯޓުގެ ކޮންޓްރޯލް ނަގައި، ވޯލްޑް ޓްރޭޑް ސެންޓަރުގެ އުތުރު ޓަވަރު ގޮއްވައިލުމަށް ފުލައިޓު ޑައިވަރޓް ކޮށްލިއެވެ. ޕައިލެޓުކަމާއި ޙަވާލުވީ އަލްޤައިދާގެ މުޙައްމަދު އައްތާ ކިޔާ މީހެކެވެ. ދެން މިކަމުގައި ބައިވެރިވީ ޢަބްދުލްޢަޒީޒް އަލްއޮމާރީ، ވަލީދު އަލްޝެހްރީ، ވައިލް އަލްޝެހްރީ، އަދި ސަތަމް އަލްސުޤަމީއެވެ. މި ގްރޫޕުން ކާމިޔާބުކަމާއެކު އެ ދުވަހުގެ ހެނދުނު 8:46 ގައި ވޯލްޑް ޓްރޭޑް ސެންޓަރުގެ އުތުރު ޓަވަރު ގޮއްވައިލިއެވެ. އޭގެ 17 މިނެޓް ފަހުން (7:58) ގައި ޔުނައިޓެޑް އެއާލައިންސް ފްލައިޓް 175 އެ ދިޔަ ގޮތަށް ގޮސް ވޯލްޑް ޓްރޭޑް ސެންޓަރުގެ ދެކުނު ޓަވަރުގައި ޖައްސައި އެތަން ގޮއްވައިލިއެވެ. އެފްބީއައިން ބުނީ އަލްޤައިދާގެ މީހުންގެ ތެރެއިން. މި ފުލައިޓުގައި ވެސް 5 މީހުން ތިބި ކަމަށެވެ. މި ފުލައިޓުގައި ތިބީ މަރްވާން އަލްޝެހްހީ (ޕައިލަޓް)، ފަޔާޒް ބަނީހައްމާދު، މުޙައްމަދު އަލްޝެހްރީ، އަޙްމަދު އަލްޣަމްދީ އަދި ހަމްޒާ އަލްޣަމްދީ އެވެ.
އެމެރިކާގެ ސިފައިންގެ މައި މަރުކަޒު ކަމަށްވާ ޕެންޓަގަން ގޮއްވާލާފައި. މި ޙަމަލާގައި ޕެންޓަގަންގެ އެތެރޭގައި ތިބި އެމެރިކާގެ 125 ސިފައިން މަރުވި.
އެމެރިކާގެ ސިފައިންގެ ހެޑްކުއާޓަރު - ދަ ޕެންޓަގަން ގޮއްވައިލުމަށް އެ ދުވަހު ހެނދުނު 8:20 ގައި ވޮޝިންޓަން ޑަލްސް އިންޓަނޭޝަނަލް އެއާޕޯޓުން ލޮސް އެންޖެލިސް އަށް ފުރަން ހަމަޖެހިފައިވާ އެމެރިކަން އެއާލައިންސް ފްލައިޓް 77 އަށް އަލްޤައިދާގެ ޕައިލެޓް ހާނީ ހަންޖޯރ އާއި އެކު އިތުރު 4 މީހުން އެރިއެވެ. އެއީ ޚާލިދު އަލްމިހްދާރު، ނަވާފް އަލްހަޒްމީ އަދި މާޖިދް މުޢީދު އެވެ. މި މީހުން ވަނީ ފުލައިޓް ރަންވޭއިން ނައްޓައިލިތާ މާގިނަ އިރެއް ނުވެ ފުލައިޓުގެ ފުލް ކޮންޓުރޯލް ނެގުމަށްފަހު ވާޖީނިއާގައި ހުންނަ ދަ ޕެންޓަގަންގައި ޖައްސައި ޖާނުންފިދާވެފައެވެ. އޭރު ސިފައިންގެ ހެޑްކުއާޓަރުތެރޭގައި 4000 އެމެރިކާ ސިފައިން ތިއްބެވެ. އެއީ އެ ދުވަހުގެ ހެނދުނު 9:37ގައެވެ. މި ޙަމަލާގައި ފުލައިޓުގައި ތިބި 59 ޕަސެންޖަރުންނާއި ކުރޫންނާއި ޕެންޓަގަންގެ އެތެރޭގައި ތިބި 4000 ސިފައިންގެތެރެއިން 125 މީހުންނާއެކު ޖުމްލަ 184 މީހުން މަރުވިއެވެ.
އެފްބީއައި އިން ބުނާ ގޮތުގައި ސެޕްޓެމްބަރު 11 ޙަމަލާގައި އަލްޤައިދާގެ ޕްލޭނާއި އެއްގޮތަށް މަސައްކަތް ކުރުމުގައި ފެއިލްވީ ނިއުޖާރޒީއިން 4 މީހުން ހައިޖެކްކުރި ފްލައިޓެވެ. އެއީ 33 މީހުން ތިބި ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓް ނަމްބަރު 93 އެވެ. މި ފުލައިޓް ފިޔަވައި އަނެއް 3 ފުލައިޓުން ކުރެ ކޮންމެ ފުލައިޓެއްގައި ތިބީ 5 މީހުންނެވެ.
މި ފުލައިޓު ހެނދުނު 8:42 ގައި ސެން ފްރެންސިސްކޯއަށް ދިޔުމަށް ނައްޓައިލުމާއި އެކު މާގިނަ އިރުތަކެއް ނުވެ ތޫނު ހަތިޔާރު ހިފައިގެން ތިބި އަލްޤައިދާގެ ކޮމާންޑަރު ޒިޔާދު ޖައްރާހުގެ ހަތަރު މީހުންގެ ޓިމުން ބޯޓުގެ ކޮންޓްރޯލް އަތުލަން މަސައްކަތް ކުރުމާއި އެކު އެ މީހުންގެ ގަޔަށް ބޯޓުގައި އެ ވަގުތު ތިބި ހުރިހައި ފަސިންޖަރުން އެއްފަހަރާ އަރައިގަންނަން ދިމާކުފިއެވެ. ސަބަބަކީ އޭރު އެ ބޯޓުގައި ތިބި މީހުންނަށް ވަނީ ވޯލްޑް ޓްރޭޑް ސެންޓަރަށް ޓެރަރިސްޓުންގެ ބަޔަކު ފުލައިޓެއް ހައިޖެކު ކޮށްގެން ޙަމަލާ ދީފިކަން އެނގިފައެވެ. އެއާއި އެކު ޕަސިންޖަރުން ފުލައިޓުތެރޭގައި ޓެރަރިސްޓުންނާއި ކުރިމަތިލީ ފުލައިޓު ހައިޖެކްކޮށްގެން ޖާނުންފިދާވުމުގެ ޙަމަލާއެއް ދީ އެންމެން މަރުވެދާނެތީވެ، މަރުން ސަލާމަތް ވުމަށެވެ. ކޮންމެޔަކަސް، އެ ހަމަނުޖެހުންތަކުގެ ތެރޭގައި ޕައިލެޓަށްވެސް ޙަމަލާ ދިނުމުން އޭނާ އަށް މަތިންދާބޯޓުގެ ކޮމާންޑް ގެއްލި، ހެނދުނު 10:03 ހާއިރު ޕެންސިލްވޭނިއާގެ ކައިރީގައި އޮންނަ ސަރަޙައްދަކަށް އެ ފުލައިޓު ވެއްޓި ޒިޔާދު ޖައްރާޙް (ޕައިލެޓް) އާއި އަޙްމަދު އަލްނާމީ، އަޙްމަދު އަލްޙަޒްނާވީ އަދި ސަޢީދު އަލްޣަމްދީ އާއި ފުލައިޓުން ދަތުރުކުރި އެންމެން މަރުވުމެވެ. މި ފުލައިޓުން ގޮސް ޙަމަލާ ދިނުމަށް ސީދާ ރާވާފައިވާ ތަނެއް އެފްބީއައި އަކަށް ވެސް މިހާތަނަށް ސީދާ ހޯދިފައެއް ނުވާ ކަމަށް އެ މީހުން ބުނެއެވެ.
ޙަމަލާގެ ފަހަތުގައި އޮތީ އަލްޤައިދާ ކަމުގެ ހެކި: (އެފްބީއައި)
ވޯލްޑް ޓްރޭޑް ސެންޓަރުގެ ކުނިތަކުގެ ތެރެއިން އަލްޤައިދާގެ ސުޤާމީގެ ޕާސްޕޯޓް ފެނިފައިވެއެވެ. މީގެ އިތުރުން ބޮސްޓަންގެ ލޯގަން އެއާޕޯޓަށް އޭނާގެ ޓިމުން ދޫކޮށްލި މުޙައްމަދު އައްތާގެ ލަގެޖުން ޕާސްޕޯޓާއި މުޅި މިޝަންގައި ބައިވެރިވި އެންމެންގެ މަޢުލޫމާތާއި އަދި ބައެއް ޕްލޭންތަކުގެ ތަފްޞީލު ހިމެނޭ ލިޔެކިޔުންތައް ހިމެނެ އެވެ.
ސުވާލަކީ މިފަދަ މިޝަންއެއް މާސްޓަރުމައިންޑުގެ އަލްޤައިދާ ހިންގާ އުސާމާ ބިން ލާދިން ހިންގާއިރު އެމެރިކާގެ އެއާޕޯޓެއްގެ ތެރެއަށް މި މިޝަން އާއި ބެހޭ ހުރިހާ ތަފްޞީލެއް ހިމެނޭ ޕްރިންޓެޑް ކަރުދާސްތަކެއް ލަގެޖަކަށް އަޅާފައި އެމެރިކާގެ އެއާޕޯޓެއްގެ ތެރެއަށް ދޫކޮށްލާނެ ތޯއެވެ؟