ރޭ ދަންވަރު އިރުމަތީ އަފްޣާނިސްތާނަށް އައި 6.0 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުހައި އެތައް ބަޔަކު މަރުވެ އެތައް ސަތޭކަ މީހުން ޒަޚަމް ވެ އަދި ގެއްލިފައިވާ ކަމަށް އަފްޣާނިސްތާނުން ބުނެފިއެވެ.
މި ބިންހެލުމުގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ކުނާރ، ނަންގަރްހާރ، ލަގްމަން، ނޫރިސްތާން، އަދި ޕަންޖްޝިރު ޕްރޮވިންސްތަކަށް ކަމަށް އަފްޣަނިސްތާނުގެ ޠާލިބާން ސަރުކާރުން ބުނެއެވެ.
މި ހާދިސާގައި މަރުވި މީހުންގެތެރެއިން ހަށިގަނޑު ދެނެގަނެވިފައިވާ 800 މީހުން ތިބިއިރު ގެއްލިފައިވާ މީހުންގެ އަސްލު އަދަދެއް އަދި ސާފު ނުވާ ކަމަށާއި އެތައް ސަތޭކަ ބަޔަކު ގެއްލިގައިވާ ކަމަށް ވެސް އަފްޢާން ސަރުކާރުން ބުނެއެވެ.
ބައެއް ޚަބަރުތައް ބުނާގޮތުގައި މި ބިންހެލުމުގައި މަރުވި މީހުން އަދަދު ހާހަކަށް ވުރެ މަތިވާނެއެވެ.
އދ އިން ދަނީ އަފްޣާނިސްތާނުގެ ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.