ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރިއަލް މެޑްރިޑް ދެ މެޗުން ވެސް ބަލިކުރުމަށްފަހު އާސެނަލަށް ހީވީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ކުލަބަކީ އެއީ ކަމަށެވެ. އަދި ލިބުނު ކާމިޔާބުގެ ވާހަކަ ޗެމްޕިއަންސް ލީގުން ކެޓުމަށްފަހު ވެސް އެ ކުލަބުގެ ސަޕޯޓަރުންގެ ދޫ ތަކުން ދިޔައީ ކެނޑިނޭޅި ދައްކަމުންނެވެ. ނިމިދިޔަ ޕްރިމިއަރ ލީގު ނިންމާލީ ދެވަނައިގައެވެ. މިފަހަރު ޕްރިމިއަރ ލީގު ނަގާނީ ވެސް އެ މީހުން ކަމަށް ދަނީ ބުނަމުންނެވެ.
ނަމަވެސް، އިނގިރޭސީ ޕްރިމިއަރ ލީގުގައި ކުޅުނު ތިން ވަނަ މެޗުން އެންމެ ފަހުގެ ޗެމްޕިއަނުންނާ ޖެހި އެ ކުލަބު މިވަނީ ނިކުތް ހޮރަށް އަނބުރާ ވަންނަން ޖެހިފައެވެ. އެންފީލްޑުގައި ސޮބޮސްލައި ފޮނުވާލި ހިލޭ ޖެހުން ގޯލަށް ވައްދާލި ހިސާބުން އެ ކުލަބުގެ ސަޕޯޓަރުންގެ އަނގައިގައި މިވަނީ މަލަން ގަނޑެއް އެޅިފައެވެ. ތެދެކެވެ. ތައްޓެއް ނުލިބުނަސް އެ ކުލަބެއްގެ ފެންވަރުން ފޮނިކަޑަން ވާނެއެވެ. މިއީ އެ ކުލަބު ނިމިދިޔަ އަހަރު އޮކްޓޫބަރު މަހަށް ފަހު ބަލިވި ފުރަތަމަ ފަހަރެވެ.
ލިވަޕޫލަށް ލިބުނު މި މޮޅާއެކު ކުޅުނު ތިން މެޗު ކާމިޔާބުކުރެވުނު ހަމައެކަނި ކުލަބަކީ އެއީ އެވެ. ނުވަ ޕޮއިންޓާއެކު އެއް ވަނައިގައި އެ ކުލަބު އޮތްއިރު ދެވަނައިގައި ހަތް ޕޮއިންޓާއެކު އޮތީ ޗެލްސީ އެވެ. ހަ ޕޮއިންޓާއެކު މިވަގުތު ފަސް ކުލަބެއް އެބަ އޮތެވެ. ނަމަވެސް ގޯލުގެ ތަފާތުން ތިން ވަނައިގައި އޮތީ އާސެނަލެވެ. ހަތަރު ވަނައިގައި ޓޮޓެންހަމް އޮތްއިރު އެވަޓަން އޮތީ ފަސް ވަނައިގައެވެ. ހަ ވަނައިގައި ސަންދަލެންޑު އޮތް އިރު ހަތް ވަނައިގައި ބޯންމައުތް ވެސް އޮތީ ހަ ޕޮއިންޓް ހޯދައިގެންނެވެ.
މިއީ އާސެނަލް ނިމިދިޔަ އަހަރު އޮކްޓޫބަރު މަހު ބޯންމައުތް އަތުން ބަލިވި ފަހުން ޕްރިމިއަރ ލީގުގައި ބައްޔަކާ ކުރިމަތިލާން ޖެހުނު ފުރަތަމަ މެޗެވެ. އަދި މިފަހަރު އާސެނަލް ޕްރިމިއަރ ލީގު ނަގާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.